ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ހުންނަ އެގައުމުގެ އެންމެ އުސް އިމާރާތް ކިންގް ޕަވާ މަހަނަކޯން މަތީގައި ހަދާފައިވާ ބިއްލޫރި ފްލޯ ހުޅުވައިފިއެވެ.
އުސްމިނުގައި 1030 ފޫޓު ހުންނަ މަހަނަކޯން ބިލްޑިންއަކީ ތައިލެންޑަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ވަރަށް މަގްބޫލު އިމާރާތެކެވެ. މި އިމާރާތުގެ އެންމެ މަތީގައި ހުންނައިރު މުޅި ބެންކޮކް ފެންނާނެއެވެ.
މަހަނަކޯން ބިލްޑިންގައި ހަދާފައިވާ ބިއްލޫރި ޕްލެޓްފޯމަށް އަރާލުމުން ތިރިން ފެންނާނީ އިމާރާތްތަކެވެ. މި ޕްލެޓްފޯމަށް އެރުމުގެ ކުރިން ނުކައްސާނެހެން ބިއްލޫރިމަތީގައި ހިނގޭނެ ގޮތަށް ތައްޔާރު ކޮށްފައިވާ ފޮތި ބޫޓަކަށްވެސް އަރަން ޖެހޭނެއެވެ. ބަލާބެލުމަށް ބިރުވެރި ނަމަވެސް ގިނަބަޔަކު ދަނީ މި ބިއްލޫރި ޕްލެޓްފޯމް މަތީގައި އޮށޯވެގެންނާއި އެކިއެކި ޕޯސްތަކުގައި ފޮޓޯ ނަގަމުންނެވެ.
މަހަނަކޯން ބިލްޑިންގައި ހަރުކޮށްފައިވާ ލިފްޓަކީވެސް ތަފާތު ލިފްޓެކެވެ. ބިލްޑިންގެ 74 ވަނަ ފަންގިފިލާއަށް އެންމެ 50 ސިކުންތު ތެރޭގައިދެވޭ މި ލިފްޓަކީ ވީޑިއޯ ތީމް ލިފްޓެކެވެ. ލިފްޓުން ދަތުރުކުރާއިރު ވަށައިގެން ވީޑިއޯ މެދުވެރިކޮށް ތަފާތު މަންޒަރުތައް ދައްކަމުންދާނެއެވެ.
ތައިލެންޑްގެ މަހަނަކޯން ބިލްޑިންގައި ޖުމްލަ 78 ފަންގިފިލާ ހުރެއެވެ.