ޓެކްނޮލޮޖީ

ސިންގަލް ކްލިކް: ސެލްފީ ޓައިޕް މީ ކިހިނެއް ވާކަމެއް؟

އާދަމް ނަސީރު

ކުރިން އަޑު އަހަނީ ސެލްފީ ފޮޓޯ ނަގާ ވާހަކައެވެ. މީހަކު ކައިރި ވެލާއިރަށް ސެލްފީއެއް ނުނެގިގެން އުޅޭ ވާހަކަ އެވެ. މިހާރު އެއީ މާޒީއެވެ. އިހަކަށް ދުވަހު ސަމްސަން ކުންފުނިން އެ ދައްކާލީ ސެލްފީ ޓައިޕެވެ. ކީބޯޑެއްގައި އިނގިލި ކޮށްޓާކަށް ނުޖެހެއެވެ. ފޯނުގައި އިނގިލި ނުކޮށްޓިޔަސް ބޭނުން އެއްޗެއް ލިޔެވޭނެ އެވެ.

ވާޗުއަލް ކީބޯޑެއްގައި ފޯނުގައި ހުންނަ ކުރިމަތީ ކެމެރާގެ އެހީގައި އިނގިލިތައް ތަޅުވާލުމުން ބޭނުން އެއްޗެއް ލިޔެވެމުން ދާނެއެވެ. ސެލްފީ ޓައިޕް ކިޔަނީ ފޯނުގެ ކުރިމަތީ ހުންނަ ކެމެރާގެ އެހީ މިގޮތަށް ލިޔުމުގައި ބޮޑު އެހީތެރިކަމެއް ދޭތީއެވެ. ސަމްސަން ކުންފުނިން ދެން ނެރޭ ގިނަ ފޯނުތަކުގައި މި ފަސޭހަ ހިމެނޭނެ ކަން ޔަގީނެވެ. ކުރިމަތީގައި ފޯނު ބައިންދައިގެން ދެ އަތުގެ އިނގިލިތައް މަޑުމަޑުން ހިންގާލީމަ ލިޔެވޭނެ ގޮތް މިވަނީ އީޖާދު ކޮށްފައެވެ.

މީގެ އަހަރުތަކެއް ކުރިން މިފަދަ އެނިމޭޓެޑް ވީޑިއޯތައް ފެނުނެވެ. ހުވަފެނެއްގެ ސިފައިގައި އޮތް މި ޓެކްނޮލޮޖީ މިވަނީ ހަގީގަތަކަށް ހަދާފައެވެ. އަތްފޯރާ ފަށަށް ގެނެސްފައެވެ. ދުނިޔޭގައި އެންމެ ގިނައިން ފޯނު ވިއްކާ ސައުތު ކޮރެޔާގެ ސަމްސަން ކުންފުނިންނެވެ. މި އައު އީޖާދުން ގިނަ ބަޔަކު ހައިރާން ކޮށްލިއިރު ދެން ތިބި ކުންފުނި ތަކުން މިކަން މިއަށްވުރެ ފުރިހަމަޔަށް ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރާނެކަން ކަށަވަރެވެ. މިފަދަ އެތަކެއް ސެލްފީ ޓައިޕް ޓެކްނޮލޮޖީއެއް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެނިގެން ދާނެކަން ޔަގީނެވެ.

ސެލްފީ ޓައިޕް މަސައްކަތްކުރާ ގޮތް ދައްކައިދޭ ވީޑިއޯއެއް ---

މި އައު ޓެކްނޮލޮޖީ ފެނުމާ އެކު ގިނަ ބަޔަކު އެންމެ ބޮޑަށް ހޯދަން ބޭނުންވީ މި ޓެކްނޮލޮޖީ ސެލްފީ ޓައިޕް މަސައްކަތް ކުރާ ގޮތެވެ. އެގޮތުން ސެލްފީ ޓައިޕް ބޭނުން ކުރުމަށް ދެ އަތުގައި ހުންނަ ދިހަ އިނގިލި ފޯނުގެ ކުރިމަތީ ކެމެރާއަށް ދައްކާލުމުން އެ އިނގިލިތައް ހަރަކާތް ކުރާ ގޮތް ކެމެރާގެ އެހީގަައި ފޯނުގައި ހުންނަ ވާޗުއަލް ކީބޯޑަށް ބުނެދެއެވެ. ލިޔަން ބޭނުންވާ އަކުރުގެ މައްޗަށް އިނގިލިކުރި ފޯރުކޮށްދެނީ ކެމެރާގެ އެހީގައެވެ. އަދި ލިޔަން ބޭނުންވާ އަކުރަށް ކޮށްޓާލިކަން ބުނެދެނީވެސް ކެމެރާއިން ނެވެ. އިނގިލިތައް ހަރަކާތް ކޮށްލާ ގޮތުން އަކުރަށް ފިތިކަން ކެމެރާއިން ދެނެގަންނަ އިރު ފިތީ ކޮން އަކުރަކަށްތޯ ދެނެގަންނަނީ ވެސް ކުރިމަތީ ހުންނަ ކެމެރާގެ އެހީގައެވެ.

ސެލްފީ ޓައިޕް މިއަށް ކިޔަނީ ފޯނުގައި ހުންނަ މޮޅު ކެމެރާގެ އެހީގައި އިނގިލިތަކުން ކީބޯޑެއްގައި ލިޔުމަށް ކުރާ ހުރިހާ ހަރަކާތެއް ދެނެގަންނާތީއެވެ. އާންމުކޮށް ކޮންޕިއުޓަރުގެ ކީބޯޑެއްގައި އިނގިލިތައް ހިންގާ އުސޫލު ސެލްފީ ޓައިޕް ދެނެގަންނަ ކެމެރާއަށް މިވަނީ ދަސްކޮށްދީފައެވެ. ކުރިން ނެގި ސެލްފީ ފޮޓޯތައް މާޒީއަށް ގޮސް ސެލްފީ ޓައިޕް ކުރުމާއިގެން ގިނަ ބަޔަކު އުޅޭ މަންޒަރު ލަސްތަކެއް ނުވެ ފެނިގެން ދާނެ ދުވަސް މިވަނީ ގާތްވެފަ އެވެ.