އެޓަރނީ ޖެނެރަލް

ދައުލަތުން ދައުވާކުރި މައްސަލަތަކަށްވުރެ ދައުލަތަށް ރައްދުވި މައްސަލަތައް ގިނަވެއްޖެ

އަހުމަދު ވަޖީފު

މިދިޔަ އަހަރު ދައުލަތުން ދައުވާކުރި މައްސަލަތަކަށް ވުރެ ދައުލަތަށް ދައުވާ ރައްދުވި މައްސަލަ ގިނަ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ތަފާސް ހިސާބުގައި ބުނީ، މިދިޔަ އަހަރު ދައުލަތަށް ދައުވާ ރައްދުވި 226 މަސަލަ ހިމެނޭއިރު ދައުލަތުން ދައުވާކުރީ 158 މައްސަލައެއްގައި ކަމަށެވެ. އޭގެ ތެރެއިން ދައުލަތަށް ދައުވާ ލިބޭ 148 އަށް މައްސަލަ ނިމިފައި ވާއިރު 78 މައްސަލަ އަންނަނީ ބަލަމުން ކަމަށް އޭޖީން ބުނެ އެވެ. އަދި ދައުލަތުން ދައުވާކުރާ 121 މައްސަލައެއް ނިިމިފައިވާ އިރު 37 މައްސަލައެއް ކުރިޔަށް އެބަދާ ކަމަށް ވެސް އޭޖީން ބުނެ އެވެ.

އޭޖީ އޮފީހުގެ ތަފާސް ހިސާބުގައި ވާގޮތުން 2018 ވަނަ އަހަރު ދައުލަތަށް ރައްދުވި މައްސަލަތަކަށް ވުރެ ދައުލަތުން އިސްވެ ދައުވާކުރި މައްސަލަތައް ގިނައެވެ. އެގޮތުން އެ އަހަރު އެކި މީހުންނަށާއި ދައުލަތު މުއްސަސާތަކަށް ދައުވާކުރި މައްސަލަައިގެ އަދަދު 429 އަރާ ކަމަށް ތަފާސް ހިސާބުގައި ބުނެފައި ވެއެވެ.

މިދިއަ އަހަރު ދައުލަތަށް ދައުވާ ރައްދުވި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ވަޒީފާއާ ގުޅޭ މައްސަލަތައް ކަމަށާއި އެގޮތުން ވަޒީފާއާ ގުޅޭ 60 މައްސަލާގައި ދައުލަތާ ދެކޮޅަށް ދައުވާކޮށްފައިވާ ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.

އޭޖީން އޮފީހުން ބުނީ، މިދިޔަ އަހަރު އެ އޮފީހުގެ ގާނުނީ ވަކީލުން 1924 އަޑުއެހުމަކަށް ހާޒިރުވެ ވަކާލާތުކޮށްފައި ވާއިރު ދައުލަތުގެ އިދާރާތަކަށް ރައްދުވި ދައުވާތަކުގެ ތެރެއިން އެންމެ ގިނައިން އޭޖީ އޮފީހުގެ ވަކީލުން ކޯޓުގައި ވަކާލާތު ކުރަން ޖެހުނީ ފުލުހުންގެ މުއައްސަސާއާ ގުޅޭ ގޮތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ކަމަށެވެ. އެގޮތުން ފުލުހުންނާ ދެކޮޅަށް، ދައުލަތަށް ރައްދުވާ 43 މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު، ހައުސިން މިނިސްޓްރީއާ ދެކޮޅަށް ވެސް 26 މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށް އޭޖީގެ ބަޔާނުގައި ބުނެފައިވެ އެވެ.