ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރި އެކުއްޖާގެ ކާފަގެ އަންހެނުން، "ކުއްޖާގެ ބައްޕަ ފަރާތު މާމަ" ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ ވަޒީފާއިން ސަސްޕެންޑުކޮށްފި އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި އުޅޭ ކުދިން ބަލަހައްޓާ ފިޔަވަތީގެ މަސައްކަތުން އޭނާ ސަސްޕެންޑް ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
ކުރަމުން އަންނަ ތަހުގީގަކާ ގުޅިގެން، ފިޔަވަތީގައި މަސައްކަތް ކުރަމުން އަންނަ މުވައަޒަފަކު ހުކުރު ދުވަހުން ފެށިގެން ސަސްޕެންޑް ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީންވެސް ވަނީ ޔަގީންކޮށްދީފައެވެ.
ޖެންޑާ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު އިބްރާހިމް މުހައްމަދު "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ، ކުރަމުން އަންނަ ތަހުގީގަކަށް ފިޔަވަތީގެ މުވައްޒަފަކު މިދިޔަ ހުކުރު ދުވަހުން ފެށިގެން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހާއާ ބެހޭ އިތުރު ތަފުސީލެއް އިބްރާހިމް ނުދެއްވައެވެ.
ދެ އަހަރުގެ ކުއްޖާއަށް ޖިންސީ އަނިޔާދިން މައްސަލައިގައި އެކުއްޖާގެ 62 އަހަރުގެ ކާފަ އާއި 81 އަހަރުގެ މުނި ކާފަ ހައްޔަރު ކޮށްފައިވާއިރު، އެކުއްޖާއަށް އިހުމާލުވި ކަމުގެ ތުހުމަތުގައި އެކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރު ކޮކޮށްފައެވެ.
އަދި މި ތިން މީހުންގެ ބަނދަށް ކޯޓުން 15 ދުވަސް ޖަހާފައިވާއިރު، ކަނޑުހުޅުދޫ މުދިމުގެ މަގާމުގައި ހުރި، އެކުއްޖާގެ ކާފަ ވަނީ މުދިމުކަމުން ސަސްޕެންޑް ކޮށްފައެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ޖިންސީ އަނިޔާގެ ޝިކާރައަށްވި ދެ އަހަރުގެ ކުއްޖާ މިހާރު ހުރީ އެކުއްޖާގެ މަންމަ ފަރާތު މާމަގެ ބެލުމުގެ ދަށުގައި ކަމަށާއި، އެކުއްޖާގެ ސަލާމަތާއި ރައްކާތެރިކަން އެ މިނިސްޓްރީން ކަށަވަރު ކުރަމުން އަންނަ ކަމަށެވެ.