ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރުުގެ ތުހުމަތުގައި ހައްޔަރު ކުރި 56 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ.
ފުލުހުން މިއަދު ބުނީ، އެމީހާ ހައްޔަރު ކުރީ، ރޭ 11:04 ގައި ކަމަށެވެ.
ނަމަވެސް އެއީ ކޮން ރަށެއްގެ ކާކުކަން ފުލުހުން ބުނެފައެއް ނުވެއެވެ.
ފުލުހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ހާދިސާ ހިނގި އަތޮޅާއި ރަށް ހާމަނުކުރާ ކަމަށެވެ.
ދެކުނުގެ އަތޮޅެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަމުންދާއިރު ދެކުނުގެ ގއ. ކަނޑުހުޅުދޫގައި ވެސް ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މިހާރު ވަނީ އެކުއްޖާގެ ބައްޕަ 33 އ. އާއި ކާފަ 62 އ. އަދި މުނިކާފަ 82 އ. ހައްޔަރުކޮށްފައެވެ. އެމީހުންގެ ތެރެއިން އެކުއްޖާގެ ކާފަ އާއި މުނިކާފަ ހައްޔަރުކުރީ ކަނޑުހުޅުދޫންނެވެ. އަދި ހުކުރު ދުވަހުގެ ވަގުތެއްގައި އެ ދެމީހުން މާލެ ގެނެސް ވަނީ ދޫނިދޫގައި ބަންދުކޮށްފައެވެ.
ކުއްޖާގެ ބައްޕަ ހައްޔަރުކުރީ ހުޅުމާލެ ފުލެޓެއްގެ ތެރޭގައި ފިލާ ހުއްޓައި، ހުކުރު ވިލޭރޭ ފުލުހުން އެ ފުލެޓްގެ ދޮރު ވައްޓާލައިގެން ވަދެއެވެ. އަދި ހައްޔަރުކޮށްގެން އޭނާ ވެސް މިހާރު ބަންދުކޮށްފައި ހުރީ ދޫނިދޫގައެވެ.
މި ތިން މީހުންގެ ތެރެއިން، ކާފައާއި މުނިކާފައަށް ރޭޕުގެ ތުހުމަތު ކޮށްފައިވާއިރު، ބައްޕަގެ މައްޗަށް ކުރަނީ އިހުމާލުގެ ތުހުމަތެވެ.