ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ޖެންޑާ ކޮމެޓީއެއް އޮންނަ ކަމަށާއި އެ ކޮމެޓީ ޗެއާ ކުރާނީ ކައުންސިލުން ކަމަށާއި ރަށްރަށުގައި ޖިންސީ ގޯނާ ކުރުމުގެ ރެކޯޑު އޮންނަ މީހުން އުޅޭ ނަމަ އެ މީހުންގެ ފުށުން ކުޑަކުދީންނަށް ރައްކާތެރިކަން ލިބިފައިވާކަން އެކޮމެޓީން ޔަގީންކުރަން ޖެހޭ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.
މުހުތާޒު މިހެން މި ވިދާޅުވީ ގއ. ކަނޑުހުޅުދޫ ކައުންސިލުގެ ރައީސް، އަހުމަދު ޝަހީމް، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ރޭ ކުރި ސުވާލުތަކާ ގުޅިގެން ދެއްވި ޖަވާބެއްގެ ރައްދުގަ އެވެ.
ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ކަމާ ގުޅުން ހުރި މުއައްސަސާތަކާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮމިޓީން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ ކުއްޖަކަށް ޖިންސީ ގޯނާ ކުރާ ކަމުގެ މައުލޫމާތު ލިބޭއިރަށް ފުލުހުންނަށާއި ޖެންޑާ މިނިސްޓްރީއަށް ކައުންސިލުން އެންގި ކަމަށެވެ.
ޝަހީމް ވިދާޅުވީ ރަށު ތެރޭގައި ދެކެވޭ ވާހަކަތަކާއި ގުޅިގެން މުއައްސަސާތަކަށް ރަސްމީ ސިފައެއްގައި މައްސަލަ ހުށަހެޅޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ރަސްމީ ހައިސިއްޔަތުން އެފަދަކަމެއް ކައުންސިލަށް ކުރެއްވޭނެ ކަމަށް ގަބޫލުކުރައްވަނީ އެއްވެސް ބަޔަކު ނުވަތަ އާއިލާއަކުން ނަމަވެސް އެކަމެއް ހުށަހެޅުމުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ރަށުގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖާ ރޭޕްކުރި މައްސަލަ ކައުންސިލަށް ވެސް ރަސްމީ ސިފައެއްގައި އެނގުނީ ފުލުހުންނަށް ވެސް އެ މައްސަލަ ރިޕޯޓުކުރި ދުވަހު ކަމަށެވެ. އެ ކުއްޖާގެ އާއިލާގެ މީހުން ޖިންސީ ގޯނާކުރާ ވާހަކަތައް ރަށު ތެރޭގައި ފެތުރުނު ނަމަވެސް، އެކަމާ ކައުންސިލުން އަޅާނުލީ އެކަންކަން ރަސްމީކޮށް ހުށަނޭޅޭތީ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ރަށްރަށުގައި އޮންނަ ޖެންޑާ ކޮމެޓީ އެ ރަށެއްގެ ކައުންސިލުން ޗެއާ ކުރަން ޖެހޭ އިރު، އެ މަސައްކަތްތައް ޖެންޑާ މިނިސްޓްރީން މޮނިޓާ ކުރަން ޖެހޭނެކަން ވެސް މުހުތާޒް ފާހަގަކުރެއްވި އެވެ.
"ކޮންމެ ރަށެއްގައި ޖެންޑާ ކޮމެޓީއެއް އޮވޭ. އެ ކޮމެޓީ ޗެއާކުރަން ޖެހެނީ ކައުންސިލުން. ކުޑަ އާބާދީ ތަކުގައި ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ ރެކޯޑް އޮންނަ މީހަކު އުޅޭ ނަމަ އެމީހަކަށް ކުޑަކުދީންނަށް އެކްސެސް ނޯންނަކަން އެ ކޮމެޓީން ޔަގީންކުރަން ޖެހޭ. ޖެންޑާއިން މޮނިޓާކުރަން ވެސް ޖެހޭ." މުހުތާޒް ވިދާޅުވި އެވެ.