ޚަބަރު

ކުއްޖާގެ މަންމަ އާއި ބައްޕަގެ މަސްތުވާތަކެތީގެ މައްސަލަތަކެއް ވަނީ ކޯޓަށް ފޮނުވާފައި!

މަރިޔަމް ޝަހުދާ

ގއ.ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ހިމެނޭ ކުއްޖާގެ މަންމައާއި ބައްފަގެ މައްސަލަތަކެއް ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވެއްޖެއެވެ.

އެ ކުއްޖާ ރޭޕް ކުރި މައްސަލައާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖީހާން ވިދާޅުވީ، ފުލުހުންނާއި ޕީޖީ އޮފީހުން ފޯރުކޮށްދީފައިވާ މައުލޫމާތުތަކުން ކުއްޖާގެ މަންމައަށް މަސްތުވާތަކެތީގެ މައްސަލައެއްގައި އަދި ބައްޕައަށް މާރާމާރީއާއި މަސްތުވާތަކެތީގެ ބައެއް މައްސަލަތަކުގައި ދައުވާ ކުރުމަށް ކޯޓަށް މައްސަލަ ފޮނުވާފައިވާކަން އެނގޭ ކަމަށެވެ.

އެގޮތުން އަނިޔާ ލިބިފައިވާ ކުއްޖާގެ މަންމަގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅުމުގެ ތުހުމަތުގައި ދައުވާކޮށް މައްސަލަ ކޯޓަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި 25ގައި ކަމަށް ޖީހާން ވިދާޅުވިއެވެ. އަދި އެ މައްސަލަ އަދިވެސް ވަނީ ކޯޓުގައި ކަމަށާއި އެ މައްސަލައިގެ މިހާތަނަށް ކުރިއަށް ގެންގޮސްފައިވަނީ ދެ އަޑުއެހުމެއް ކަމަށް ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ ކުއްޖާގެ ބައްޕަގެ މައްޗަށް ޖިނާއީ އެތައް ދައުވާއެއް ކޮށްފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި މަސްތުވާތަކެއްޗާއި މާރާމާރީގެ މައްސަލަތައް ހިމެނޭ އިރު، އޭގެން ބައެއް މައްސަލަތައް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޖީހާން ވިދާޅުވިއެވެ.

މިކަން ފާހަގަ ކުރައްވައި ޖީހާން ވަނީ މަންމައާއި ބައްޕަ މަސްތުވާތަކެތި ބޭނުން ކުރާކަން ދައުލަތަށް އެނގޭނަމަ ކުއްޖާ ހުރީ ރިސްކުގައި ނޫންތޯ ސުވާލު ކުރައްވައިފައެވެ. މި ސުވާލަށް ފުލުހުން ޖަވާބު ދެއްވަމުން ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މައިންބަފައިން ހުރި ކުއްޖެއް އޭނާގެ އާއިލާގެ ބެލުމުގެ ދަށުން ދުރުކުރެވޭނީ އެންމެ ފަހުގެ ކަމެއްގެ ގޮތުގައި ކަމަށެވެ. އަދި މިމަހު 15ގެ ކުރިން މި ކުއްޖާ އެއްވެސް ރިސްކެއްގައި ހުރިކަން އެނގިފައި ނުވާކަމަށް ފުލުހުން އަދި ޖެންޑާ މިނިސްޓްރީންވެސް ބުނެފައިވެއެވެ.

ކުއްޖާ ރޭޕްކުރި މައްސަލައިގައި އިއްޔެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައިވާ އިރު، އެމީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ. މި މައްސަލައިގައި ކުއްޖާގެ ބައްޕައަށް ކުރަނީ އިހުމާލުގެ ތުހުމަތެވެ.