ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމަށް ސާބިތުވާ މީހުން ދޫކޮށްލުމަށްފަހު މޮނިޓާއެއް ނުކުރޭ: ފުލުހުން

މަރިޔަމް ޝަހުދާ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމަށް ސާބިތުވާ މީހުން ދޫކޮށްލުމަށްފަހު ދެން އެމީހުން މޮނިޓާ ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި މިރޭ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކުރެއްވި ސުވާލަކަށް ޖަވާބު ދެމުންނެވެ. ރޮޒެއިނާ މި ސުވާލު ކުރައްވާފައިވަނީ ދެ އަހަރުގެ ކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައިގައި ހިމެނޭ ކުއްޖާގެ މުނިކާފައާ ގުޅުވައިގެންނެވެ.

81 އަހަރުގެ އެކުއްޖާގެ މުނިކާފައަކީ ކުޑަކުދިންނާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. އަދި އެމީހާ ތިން އަހަރުގެ ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްވެސް މިހާރު ކޯޓުގައި ހިނގަމުންދާ ކަމަށް ބައްދަލުވުމުގައި މެމްބަރަކު ދެއްކެވި ވާހަކައިގައި ފާހަގަކޮށްފައިވެއެވެ.

އެ ކުއްޖާގެ ކާފަ އަކީ ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށްވާ އިރު، އެއްވެސް ސަބަބަކާ ގުޅިގެން އެހެން ދޫކޮށްފައި ތިބޭ މީހުން، ކުޑަކުދިން އުޅޭ ތަނެއްގައި ހުންނަ އިރު އެމީހުން މޮނިޓާ ކުރޭތޯ ނުވަތަ މޮނިޓާ ކުރެވޭނެ ނިޒާމެއް ހަމަޖެހިފައިވޭތޯ ރޮޒެއިނާ ސުވާލު ކުރެއްވިއެވެ.

މި ސުވާލަށް ޖަވާބުދެމުން ފުލުހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމަށް ސާބިތުވާ، ނަމަވެސް އެކި ސަބަބުތަކާ ހުރެ ދޫކޮށްލާފައިވާ މީހުން މޮނިޓާ ނުކުރާ ކަމަށެވެ. ނަމަވެސް އެމީހުން މޮނިޓާ ކުރުމަށް އިންތިޒާމެއް ހަމަޖައްސާފައިވާކަން ނުވަތަ ނޫންކަން ފުލުހުން ސާފެއް ނުކޮށްދެއެވެ. އަދި މިކަމާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.

މި މައްސަލައިގައި ކުއްޖާގެ މުނިކާފަގެ ކުށުގެ ރުކޯޑު އޮންނަ އިރު، ކުއްޖާގެ ކާފަގެ މައްސަލަ އެކި ފަހަރު މަތިން ފުލުހުންނަށް ހުށަހަޅާފައިވެއެވެ.