ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.
ރައީސް ނަޝީދު، ކޮމިޓީއާ ބައްދަލުކުރައްވާފައިވަނީ މިރޭ ބޭއްވި ޖެންޑާ ކޮމިޓީގެ މިރޭގެ ބައްދަލުވުމުގެ ކުރިންނެވެ. އެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދާއި އެ ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިހާރު ބަލަމުން އަންނަ މައްސަލައަކީ ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެވެ. މިހާރު ކުރިއަށްގެންދާ ކޮމިޓީ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީ އާއި ފުލުހުންގެ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ކްރިމިނަލް ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ބޭފުޅުން ބައިވެރިވެއެވެ.
އެ މައްސަލައާ ގުޅޭގޮތުން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ތުއްތު ކުއްޖަކު އޭނާގެ އަމިއްލަ މުނިކާފަ، ކާފަ އަދި ބައްޕަގެ ޖިންސީ ޝިކާރައަކަށް ވީކަމީ އިންތިހާއަށް ކަންބޮޑުވުން ހުރި ލަދުވެތި ކަމެއް ކަމަށާއި އެކަމާ ގުޅޭގޮތުން އެކިއެކި ފަރާތްތައް ޖަވާބުދާރީ ކުރުމަށް މަޖިލީހުން މަސައްކަތްކުރާނެ ކަމަށެވެ.
ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެ ކުއްޖާގެ ބައްޕަ (33 އ.) އާއި ކާޕަ (62 އ.) އަދި މުނިކާފަ (81 އ.) ވަނީ ހައްޔަރުކޮށްފައެވެ. ކޯޓުން ވަނީ އެ ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
އެކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައިވަނީ އިއްޔެ ހުޅުމާލޭ ފްލެޓެއްގެ ތެރޭގައި ހުއްޓައި ފުލުހުން އެ ފްލެޓުގެ ދޮރު ވައްޓާލައިގެން ވަދެގެންނެވެ. އަދި އެކުއްޖާގެ ކާފަ އާއި މުނިކާފަ މިއަދު ހެނދުނު މާލެ ގެނެސް، ދޫނިދޫ ޖަލަށް ވަނީ ގެންގޮސްފައެވެ.
އެކުއްޖާގެ ކާފަ އާއި މުނިކާފައަށް ކުރަނީ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެވެ. އަދި އެ ކުއްޖާގެ ބައްޕައަށް ކުރަނީ އިހުމާލުވުމުގެ ތުހުމަތެވެ.
ފުލުހުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކުއްޖާއާ ގުޅިގެން ފުލުހުންނަށް މައްސަލަ ހުށަހެޅީ ކުއްޖާގެ ބައްޕަ ފަރާތު ކާފަ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކޮށެވެ. އަދި ކުއްޖާގެ މުނިކާފައަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމުގެ ރެކޯޑް އޮންނަ މީހެއް ކަމާއި ކުއްޖާގެ މައިންބަފައިންނަކީ ކުށުގެ ރެކޯޑް އޮންނަ ބައެއް ކަމަށް ހުށަހެޅި ރިޕޯޓުގައި ބުނެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މީހުންގެ ތެރެއިން 2018 ވަނަ އަހަރުގެ ތެރޭގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާއެއް ކުރުމުގެ މައްސަލައެއްގައި މުނިކާފަގެ މައްސަލައެއް ކޯޓުގައި ދަނީ ހިނގަމުންނެވެ.