ކަނޑުހުޅުދޫގައި ކުއްޖަކަށް ޖިންސީ ގޯނާކުރުން

ދެ އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައާ ގުޅޭގޮތުން މުއައްސަސާތައް ޖަވާބުދާރީ ކުރުވާނަން: ރައީސް ނަޝީދު

1

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައާ ގުޅޭގޮތުން މުއައްސަސާތައް ޖަވާބުދާރީ ކުރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންހެން ކުއްޖާ ރޭޕްކުރި މައްސަލައިގައި އެކުއްޖާގެ ބައްޕަ (33 އ.) އާއި ކާޕަ (62 އ.) އަދި މުނިކާފަ (81 އ.) ވަނީ ހައްޔަރުކޮށްފައެވެ. ކޯޓުން ވަނީ އެ ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

އެ މައްސަލައާ ގުޅޭގޮތުން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތުއްތު ކުއްޖަކު އޭނާގެ އަމިއްލަ މުނިކާފަ، ކާފަ އަދި ބައްޕަގެ ޖިންސީ ޝިކާރައަކަށް ވީކަމީ އިންތިހާއަށް ކަންބޮޑުވުން ހުރި ލަދުވެތި ކަމެއް ކަމަށާއި އެކަމާ ގުޅޭގޮތުން އެކިއެކި ފަރާތްތައް ޖަވާބުދާރީ ކުރުމަށް މަޖިލީހުން މަސައްކަތްކުރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އެގޮތުން މިރޭ 9:00ގައި ބާއްވާ ކޮމިޓީ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީ އާއި ފުލުހުންގެ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ކްރިމިނަލް ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާއި ގއ. ކަނޑުހުޅުދޫ ކައުންސިގެ ރައީސް ހާޒިރުކުރުމަށް ހަމަޖެހިފައިވެއެވެ.

އެކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައިވަނީ އިއްޔެ ހުޅުމާލޭ ފްލެޓެއްގެ ތެރޭގައި ހުއްޓައި ފުލުހުން އެ ފްލެޓުގެ ދޮރު ވައްޓާލައިގެން ވަދެގެންނެވެ. އަދި އެކުއްޖާގެ ކާފަ އާއި މުނިކާފަ މިއަދު ހެނދުނު މާލެ ގެނެސް، ދޫނިދޫ ޖަލަށް ވަނީ ގެންގޮސްފައެވެ.

އެކުއްޖާގެ ކާފަ އާއި މުނިކާފައަށް ކުރަނީ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެވެ. އަދި އެ ކުއްޖާގެ ބައްޕައަށް ކުރަނީ އިހުމާލުވުމުގެ ތުހުމަތެވެ.

ފުލުހުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކުއްޖާއާ ގުޅިގެން ފުލުހުންނަށް މައްސަލަ ހުށަހެޅީ ކުއްޖާގެ ބައްޕަ ފަރާތު ކާފަ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކޮށެވެ. އަދި ކުއްޖާގެ މުނިކާފައަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމުގެ ރެކޯޑް އޮންނަ މީހެއް ކަމާއި ކުއްޖާގެ މައިންބަފައިންނަކީ ކުށުގެ ރެކޯޑް އޮންނަ ބައެއް ކަމަށް ހުށަހެޅި ރިޕޯޓުގައި ބުނެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މީހުންގެ ތެރެއިން 2018 ވަނަ އަހަރުގެ ތެރޭގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާއެއް ކުރުމުގެ މައްސަލައެއްގައި މުނިކާފަގެ މައްސަލައެއް ކޯޓުގައި ދަނީ ހިނގަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟