ކަނޑުހުޅުދޫގައި ކުއްޖަކަށް ޖިންސީ ގޯނާކުރުން

ދެ އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލަ: ކުއްޖާގެ ބައްޕަގެ ބަންދަށް 15 ދުވަސް ޖަހައިފި

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި ކުއްޖާގެ ބައްޕަގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

އުމުރުން 33 އަހަރުގެ އެމީހާ ފުލުހުން ހައްޔަރުކޮށްފައިވަނީ އިއްޔެ ހުޅުމާލޭ ފްލެޓެއްގެ ތެރޭގައި ހުއްޓައި ފުލުހުން އެ ފްލެޓުގެ ދޮރު ވައްޓާލައިގެން ވަދެގެންނެވެ. އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ ދޫނިދޫ ޖަލަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި 33 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

އެކުއްޖާގެ ކާފަ އާއި މުނިކާފައަށް ކުރަނީ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެވެ. އަދި އެ ކުއްޖާގެ ބައްޕައަށް ކުރަނީ އިހުމާލުވުމުގެ ތުހުމަތެވެ.

ފުލުހުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކުއްޖާއާ ގުޅިގެން ފުލުހުންނަށް މައްސަލަ ހުށަހެޅީ ކުއްޖާގެ ބައްޕަ ފަރާތު ކާފަ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކޮށެވެ. އަދި ކުއްޖާގެ މުނިކާފައަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމުގެ ރެކޯޑް އޮންނަ މީހެއް ކަމާއި ކުއްޖާގެ މައިންބަފައިންނަކީ ކުށުގެ ރެކޯޑް އޮންނަ ބައެއް ކަމަށް ހުށަހެޅި ރިޕޯޓުގައި ބުނެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މީހުންގެ ތެރެއިން 2018 ވަނަ އަހަރުގެ ތެރޭގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާއެއް ކުރުމުގެ މައްސަލައެއްގައި މުނިކާފަގެ މައްސަލައެއް ކޯޓުގައި ދަނީ ހިނގަމުންނެވެ.