ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެކުއްޖާގެ މުނިކާފަގެ އެފަދަ އިތުރު މައްސަލައެއްގައި ޝަރީއަތް ހިނގަމުންދާ ކަމަށާއި ނަމަވެސް އެ މައްސަލައިގައި އޭނާ ހައްޔަރުނުކޮށް ދޫކޮށްލާފައި ބަހައްޓަން ނިންމީ އޭނާގެ އުމުރަށް ބަލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންނާއި ޖެންޑާ މިނިސްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވީ، ކުއްޖާގެ މައްސަލައިގައި ހިމެނޭ އުމުރުން 82 އަހަރުގެ މުނިކާފަ އެހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހަޅާފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު އެ އަހަރުގެ މެއި މަހުގެ ތެރޭގައި ޕީޖީއަށް އެ މައްސަލަ ފޮނުވި ކަމަށެވެ.
ނަމަވެސް އެ މައްސަލައިގައި އޭރު މުނިކާފަ ހައްޔަރުނުކޮށް ދޫކޮށްލަން ނިންމީ އޭނާގެ އުމުރަށް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
"މި މައްސަލާގައި ތުހުމަތު ކުރެވޭ ތިން މީހުންގެ ތެރެއިން، އުމުރުން 82 އަހަރުގެ ފިރިހެން މީހާ، މީގެ ކުރިން ވެސް ކުއްޖަކާ ދޭތެރޭ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އުފުލިގެން އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވާފައި. އެ މައްސަލާގައި ހިނގި ކަމަށް ހުށަހެޅުނު ކުށުގެ އަމަލާއި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާގެ އުމުރަށް ބަލާފައި ފުލުހުން އޭރު ނަގާފައި އޮތް ޑިސިޝަނެއް އެ މައްސަލާގައި އޭނާ ހައްޔަރު ނުކޮށް، އެ މައްސަލަ ތަހުގީގު ކުރަން،" މަންނާން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެ މައްސަލައިގެ ޝަރީއަތް މިހާރުވެސް ހިނގަމުންދާއިރު، މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ވެސް ބާއްވާފައިވާ ކަމަށެވެ.
މަންނާނު ވިދާޅުވީ، ކުޑަކުދިންނާ ދޭތެރޭ ޖިންސީ ގޯނާ ކޮށްގެން ހުށަހެޅޭ މައްސަލަތަކަކީ އެހެން އިދާރާތަކާ އެއްގޮތަށް ފުލުހުން ވެސް ހާއްސަ ކަމެއް ދީގެން ބަލަންޖެހޭ މައްސަލަތަކެއް ކަމަށެވެ.
ނަމަވެސް މުޅި ސިސްޓަމްގެ ތެރޭގައި ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި މިހާރު ހުރި ބައެއް ކަންކަމުގެ ސަބަބުން ބޭނުންވާ މިންވަރަށް ތަހުގީގުތައް ވެސް ކުރިއަށް ނުގެންދެވުމާއި އެހެން މަރުހަލާތަކުގައި ވެސް ލަސްތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
މަންނާނު އިތުރަށް ވިދާޅުވީ، ދެ އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައަކީ ވެސް މިދިޔަ ބުދަ ދުވަހު ހުށަހެޅުނު މައްސަލައެއް ކަމުން، އެދުވަހުން އެދުވަހަށް އެކަމުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ނުކުރެވުމަކީ އާންމުންގެ ކަންބޮޑުވުމެއް ކަމަށެވެ. ނަމަވެސް ފުލުހުންގެ ތަހުގީގެއްގެ މަގުސަދަކީ މައްސަލައެއް ޝަރީއަތަށް ސާބިތުވާނެ ވަރަށް ހެކި ހޯދުން ކަމަށާއި މައްސަލައިގައި ހިމެނޭ މީހުން ހައްޔަރުކުރުމަކީ ތަހުގީގުގެ ތެރެއިން ކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ.