ޚަބަރު

ކުއްޖާގެ ބައްޕައަށް ކުރަނީ އިހުމާލުވި ކަމުގެ ތުހުމަތު!

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު އެކަކަށް ނުުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތު ކުރަނީ ދެ މީހަކަށް ކަމަށާއި އަނެކަކަށް ކުރަނީ އިހުމާލުވުމުގެ ތުހުމަތު ކަމަށެވެ.

ނަމަވެސް ތަހުގީގު ކުރިއަށްދާ ގޮތަކުން އެމީހުންގެ މައްޗަށް އިތުރު ތުހުމަތުތަކެއް ކުރެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ކުއްޖާގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެކުއްޖާގެ ބައްޕަގެ އިތުރުން ކާފަ އަދި މުނިކާފައެވެ. މި މީހުންގެ ތެރެއިން އިހުމާލުގެ ތުހުމަތު ކުރަނީ ކާކަށް ކަމެއް ފުލުހުން ނުބުނެއެވެ.

ނަމަވެސް ބައެއް މަސްދަރުތަކުން އެނގޭ ގޮތުގައި އެ ތުހުމަތު ކުރަނީ ކުއްޖާގެ ބައްޕައަށެވެ. އަދި ޖިންސީ ގޯނާކުރުމުގެ ތުހުމަތު ކުރަނީ ކާފަ އަދި މުނިކާފައަށެވެ.

ފުލުހުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކުއްޖާއާ ގުޅިގެން ފުލުހުންނަށް މައްސަލަ ހުށަހެޅީ ކުއްޖާގެ ބައްޕަ ފަރާތު ކާފަ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކޮށެވެ. އަދި ކުއްޖާގެ މުނިކާފައަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމުގެ ރެކޯޑް އޮންނަ މީހެއް ކަމާއި ކުއްޖާގެ މައިންބަފައިންނަކީ ކުށުގެ ރެކޯޑް އޮންނަ ބައެއް ކަމަށް ހުށަހެޅި ރިޕޯޓުގައި ބުނެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މީހުންގެ ތެރެއިން 2018 ވަނަ އަހަރުގެ ތެރޭގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާއެއް ކުރުމުގެ މައްސަލައެއްގައި މުނިކާފަގެ މައްސަލައެއް ކޯޓުގައި ދަނީ ހިނގަމުންނެވެ.