ޚަބަރު

ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގައި އިހުމާލުވި ފަރާތަކާއި މުއްސަސާތަކަށް ފިޔަވަޅު އަޅާނަން: އެޗްއާރުސީއެމް

އަހުމަދު ވަޖީފު

ގއ. ކަނޑުހުޅުދޫ ދެ އަހަރުގެ ކުއްޖާއާ މެދު ހިންގި ލާއިންސާނީ އަމަލުގައި އިހުމާލުވި ފަރާތްތަކާއި މުއައްސަސާތަކަށް ފިޔަވަޅު އެޅުމަށް ތަހުގީގު ފަށާފައިވާ ކަމަށް ހިޔުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

(އެޗްއާރުސީއެމް)އިން މިހެން ބުނެފައި ވަނީ އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ.

މި ބަޔާނުގައި ބުނީ އިއްޔެ ކަނޑުހުޅުދޫގެ ތުއްތު ކުއްޖާއަށް އާއިލާގެ ބަޔަކު ޖިންސީ ގޯނާ ކުރި އަމަލަކީ އެޗްއާރުސީއެމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ އަމަލެއް ކަމަށެވެ. އަދި އެ ކަމަކީ ނުހަނު ކަން ބޮޑުވާ ކަމެއް ކަމަށް ވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން އެފަދަ ދަށު ދަރަޖައިގެ އަމަލުތަކުން ކުޑަކުދިން ރައްކާތެރިވެފައިވޭތޯ ބެލުމަށް ކަމާ ގުޅުންހުރި މައްސަސާތަކަށް ކޮމިޝަންގެ ފަރާތުން އަންގާ ކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ. މި މައްސަލައިގައި މުއްސަސާތަކުން އަަމަލުކުރާ ގޮތް ގާތުން ބަލަމުންދާކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

އުމުރުން ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރުމާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ، މައްސަލައިގައި އެކުއްޖާގެ ބައްޕައާއި ކާފަ އާއި މުނިކާފަ ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ވަނީ ގެންގޮސްފަ އެވެ. އަދި އެ ތިން މީހުން ވެސް ވަނީ ދޫނިދޫގައި ބަންދުކޮށްފައެވެ. އޭގެ ތެރެއިން ކާފަ އާއި މުނިކާފަގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، ކުއްޖާގެ ބައްޕަގެ ބަންދުގެ މުއްދަތު ޖެހިކަމެއް އަދި ޔަގީނެއް ނުވެ އެވެ.