ކޮލަމް

ކެޔޮނިރު ކޮލަމް: މިފަހަރު ހޮވަންވާނީ ގާބިލު ކައުންސިލަރުން، އެނޫނީ ވާނީ މޮޔައަކަށް ތިޖޫރީ ހަވާލުރުން ފަދަ ކަމަކަށް!

މުހައްމަދު ބުޝްރީ

1

އޭޕްރިލް 2020ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބަކީ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ އާދައިގެ ޒިއްމާއެއް ނޫނެވެ. އެއީ އެއްގޮތަކުން ބަލާނަމަ ރިޔާސީ އިންތިހާބަށް ވުރެ މާބޮޑަށް ރައްޔިތުންނާ ގުޅިފައިވާ އިންތިހާބެކެވެ. މަދު ފައިސާ ކޮޅަކަށް ވޯޓު ވިއްކާލައިފި ނަމަ، ނުވަތަ ތިމާގެ މީހާ އަށް، ނޫން ނަމަ ރައްޓެހި މީހާއަށް ވޯޓު ދީފިނަމަ އޭގެ އަސަރު ރައްޔިތު މީހާގެ ކަރުބުޑުގައި މާބޮޑަށްވެސް ލާނެ އިންތިހާބެކެވެ. ރާއްޖޭގެ ރަށްރަށާއި، އަތޮޅު ތަކާއި، ސިޓީތަކުގައި މިހާރު އޮތް ކައުންސިލްތަކުގެ ގިނަ މެންބަރުންނަކީ ގައުމުގެ އެވްރެޖް ތައުލީމީ ހޭލުންތެރިކަމަށް ބަލާއިރު ތައުލީމީ ގޮތުންނާއި ހޭލުންތެރިކަމުގެ ގޮތުން ފެންވަރު ދަށް މެންބަރުން ގިނަ ކައުންސިލް ތަކެކެވެ. 2020ގައި ހޮވާ ކައުންސިލް ތަކަކީ އާ ގާނޫނުގެ ދަށުން ގިނަ މަސްއޫލިއްޔަތު ތަކެއް ހަވާލު ކުރެވޭ، އަދި ގިނަ ބާރު ތަކެއް ދެވޭ ކައުންސިލް ތަކަކެވެ. އެފަދަ ގިނަ މަސްއޫލިއްޔަތު ތަކެއް ހަވާލު ކުރެވޭ، އަދި ގިނަ ބާރު ތަކެއް ދެވޭ ކައުންސިލް ތަކަކަށް މިހާރުވެސް ތިބި ފަދަ ކައުންސިލަރުންތަކެއް ހޮވިއްޖެ ނަމަ ނާގާބިލުވެގެން މަޝްރޫއުތައް މިސްމެނޭޖް ކުރެވުމާއި، ކޮރަޕްޝަން މެދުވެރިކޮށް އަތޮޅުތަކާއި ސިޓީތަކުގެ މުއްސަނދިކަން ބީވެގެން ދިއުމަކީ ވަރަށްވެސް ކައިރި ކަމެކެވެ.

ކުރީގެ ކައުންސިލްތަކާ ހިލާފަށް، އަލަށް ހޮވޭ ކައުންސިލްތަކަށް މައިސަރުކާރަށް ބަރޯސާވުމެއް ނެތި ވަރަށް ބިޔަ އަދަދުތަކުން އާމްދަނީ ލިބޭނެއެވެ. އެގޮތުން ދައުލަތުގެ އެއަހަރެއްގެ އާމްދަނީގެ މަދުވެގެން ފަހެއް އިން ސައްތަ އާމްދަނީ ހުރިހާ ކައުންސިލްތަކުގެ މެދުގައި ނިސްބަތުން ބަހާލެވޭނެއެވެ. ދައުލަތުގެ 2019 ވަނަ އަހަރުގެ އާމްދަނީއަށް ބަލާއިރު ފަސް ޕަސެންޓަކީ 1.1 ބިލިއަން ރުފިޔާ އެވެ. ކައުންސިލްތަކަށް ކަނޑައަޅާ ނަމަ އެއީ ބޮޑު އަދަދެކެވެ. މި ފަސް ޕަސެންޓް ކައުންސިލްތަކަށް ހަމަޖެއްސުމުން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް، މައި ސަރުކާރަށް ބަރޯސާނުވެ ކައުންސިލްތަކުން އަމިއްލައަށް ކުރިއަށް ގެންދެވޭނެކަން ކަށަވަރެވެ. އެއީ އެފައިސާ ރަނގަޅަށް މެނޭޖް ކުރުމުގެ ގާބިލުކަން ކައުންސިލަރުންގެ ކިބައިގައި ހުރިނަމައެވެ. އެފަދަ ގާބިލު ބަޔަކު ރައްޔިތުންގެ ވޯޓުން ހޮވައިފި ނަމަ އެވެ.

އަދި އެހެންމެ، ކައުންސިލްތަކުން ދޭ ހިދުމަތްތަކުން ނަގާ ފީ އާއި ކުއްޔަކީ އެ ކައުންސިލަކަށް ލިބޭ އާމްދަނީގެ ގޮތުގައި ހަމަޖެހޭނެއެވެ. އެގޮތުން ރޯޑްވާދިނަސް ފީ އާއި ވެހިކަލް ފީތަކާއި ބަނދަރު ކުލި ފަދަ ފީތައް ދެން ލިބޭނީ ސީދާ ކައުންސިލް ތަކަށެވެ. މައި ސަރުކާރުގެ ބަޖެޓަކަށް ނޫނެވެ. މީރާއަކަށް ނޫނެވެ! ސީދާ ކައުންސިލް ތަކަށެވެ. ކައުންސިލް ތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ކަނޑައަޅައި އެ ފީ ނެގުމުގެ ބާރު ކައުންސިލްތަކަށް ލިބުމުން ކައުންސިލްތަކަށް ހުޅުވިގެން އެދަނީ، ރަށް ނުވަތަ އަތޮޅު ނުވަތަ ސިޓީ ތަރައްގީ ކުރުމުގެ ފުޅާ ދޮރެކެވެ. މައި ސަރުކާރުން ދިއްކޮށްލާ ހައިރާތުގެ ފައިސާކޮޅަށް ބަރޯސާވެގެން މިއޮތް ހުރިހާ ދުވަހު ތިބި ރަށްރަށާއި އަތޮޅުތަކަށް ހުޅުވިގެން އަންނަނީ އަމިއްލަ ފައި މައްޗަށް ތެދުވުމުގެ ދޮރެވެ. މިކަން މިހެން ކުރެވޭނީ ގާބިލު ކައުންސިލަރުންނަށް ރައްޔިތުން ވޯޓު ދީގެނެވެ. ވޯޓު ވިއްކާނުލައިގެނެވެ.

ކައުންސިލްތަކަށް ލިބޭ އާމްދަނީ، ކުރިއާ ހިލާފަށް އިތުރު ކުރުމުގެ ގޮތުން ބިމާއި ރަށްރަށާއި ފަޅާއި ފަރު ފަދަ ތަންތަނުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ 40 ޕަސެންޓަށް ވާ ފައިސާ ވެސް ކައުންސިލްތަކަށް ލިބޭނެއެވެ. އަދި، އެއަތުޅެއްގައި މީހުން ދިރިއުޅޭ ރަށްތަކުގެ ބިމު ކުލީގެ 100 ޕަސެންޓް ކައުންސިލަށް ލިބޭނެ އެވެ. މިއީ މީގެ ކުރީން ދައުލަތަށް ލިބި، މީރާއަށް ވަންނަ ފައިސާ އެވެ. ނަމަވެސް މިފަދަ އެތައް އާމްދަނީއެއް ސީދާ އަތޮޅު ނުވަތަ ސިޓީ ކައުންސިލަށް ވަނުމުން އެފައިސާ، އެއަތޮޅަށް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރެވޭނެ ގޮތެއްވެސް ކަނަޑައަޅާނީ ކައުންސިލުންނެވެ. މިވަރުގެ ބިޔަ ބަޖެޓެއް މެނޭޖްކޮށް ބޮޑެތި މަޝްރޫއުތައް އަމިއްލައަށް ހިންގުމުގެ ގާބިލުކަން ނެތް ކައުންސިލަރުންތަކެއް ހޮވާފައި ރައްޔިތުންނަށް ދެން ދެއްކޭނެ ބަހަނާއެއް ނޯންނާނެއެވެ. ތަރައްގީ ނައުމުން މައި ސަރުކާރުގެ ބޮލުގައި ދެނެއް ނޭޅުވޭނެއެވެ. ރައްޔިތުން ޒިއްމާ ނަގަން ޖެހޭ ވަގުތަކީ އޭޕްރިލް 2020 އެވެ.

ކުރީން އޮންނަ ގޮތުން ނަމަ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކާ ހަވާލުކޮށްފައިވާ ޒިންމާތަކުގެ ބަޖެޓު ވެސް އޮންނަނީ އެކި މިނިސްޓްރީތަކުގެ ބެލުމުގެ ދަށުގަ އެވެ. އޭގެ ބަދަލުގައި މިހާރު ހިދުމަތްތައް ސީދާ ކައުންސިލްތަކުން ފޯރުކޮށްދެވޭނެ މަގު މިވަނީ ފަހިވެފައެވެ. ކައުންސިލްތައް މިވަނީ ބާރުވެރިކުރެވިފައެވެ. ކައުންސިލްތަކުގެ އާމްދަނީ ބޮޑުތަނުން އިތުރުވެ، ޒިއްމާ ވެސް މިވަނީ އިތުރު ވެފައެވެ. މިސާލަކަށް، ރަށު ލެވެލްގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ޖުމްލަ އަގު ފަސް މިލިއަނަށް ވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ކައުންސިލްތަކުން ހިންގާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިދިޔަ 2019 ވަނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ 710 މަޝްރޫއު ހިމެނުނު އިރު، އޭގެ ތެރެއިން 373 މަޝްރޫއަކީ ފަސް މިލިއަނަށް ވުރެ ކުޑަ ބަޖެޓެއްގައި ކުރިއަށް ގެންދިޔަ މަޝްރޫއު ތަކެވެ. މފަދަމަޝްރޫއުތައް ދެން ހިންގަން ޖެހޭނީ އެއްވެސް މިނިސްޓްރީއަކާ ސީދާ ގުޅުމެއް ނެތި ކައުންސިލްތަކުންނެވެ. ގާބިލުކަން ނެތް ކައުންސިލަރުންތަކަކަށް މިވަރުގެ ބިޔަ ބަޖެޓެއް އަދި މިވަރުގެ ބޮޑު ޒިއްމާތަކެއް ހަވާލުވެއްޖެ ނަމަ ވާނީ މޮޔައަކާ ތިޖޫރީ ހަވާލުކުރުން ނޫން ދެން ކޮންކަމަކަށް ބާއެވެ؟ އަތޮޅުގެ ނުވަތަ ސިޓީގެ ތިޖޫރީ ހުރިތާގައި ހުންނާނީ އެއްކަލަ ކަހަލަ ވަޅު ގަނޑެކެވެ! މިކަން މިހެން ވުމުގެ ފުރުސަތު ކުޑަވާނީ ކަމަށް ގާބިލު، ނަޒާހަތްތެރި ކައުންސިލަރުންތަކެއް އޭޕްރިލް 2020ގައި ހޮވައިގެންކަން ރައްޔިތުުން ދަންނަން ޖެހެއެވެ. މިއީ ޕާޓީ އަކާ ބެހޭ ކަމެއް ނޫނެވެ. މިއީ ރަށާއި އަތޮޅާއި ސިޓީގެ ރައްޔިތުންގެ ކުރިމަގާ ގުޅިފައިވާ ވަރަށް ވެސް މުހިއްމު ނިންމުމެކެވެ.

އިތުރު އާމްދަނީ އާއި، އިތުރު ބާރު ތަކާއި އެކު ކައުންސިލަރުންގެ މުސާރަވެސް ބޮޑު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މޭޔަރުންނާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށް، އެ ބޭފުޅުންނަށް އިންޝުއަރެންސް ޕެކޭޖެއް ދިނުމަށް ރައްޔިތުންގެ މަޖިލިހަށް ވަނީ ހުށަހަޅައިފަ އެވެ. މިބަދަލު އައުމުން ސިޓީ ކައުންސިލްގެ މޭޔަރަކަށް މަހަކު 40،000 ރުފިޔާ، ޑެޕިއުޓީ މޭޔަރަކަށް 35،000 ރުފިޔާ، އަތޮޅު ކައުންސިލުގެ ރައީސަކަށް މަހަކު 28،000 ރުފިޔާ، އަދި ރަށު ކައުންސިލްގެ ރައީސަކަށް 23،000 ރުފިޔާ ލިބޭނެއެވެ. ކައުންސިލް ތަކުގެ ބަޖެޓް ބިޔަވަނީ އެވެ. ޒިއްމާ އިންތިހާއަށް އިތުރު ވަނީ އެވެ. ކައުންސިލަރުންގެ މުސާރަ ބޮޑުވަނީ އެވެ. ނަމަވެސް މިހާރު ހުރި ކައުންސިލް ތަކުގެ ގިނަ ކައުންސިލަރުންނަކީ އަމިއްލައަށް މަޝްރޫއެއް ހިންގާލަން ކީއްކުރަން، އަމިލަ ގަމީހުގެ ޓައީގެ ގޮށްވެސް އަމިއްލައަށް ޖަހަން ނޭނގޭ މީހުނެވެ. އޭޕްރިލް 2020ގައި ރައްޔިތުން މިކަން ބަދަލުކުރަން އެބަޖެހެއެވެ. ޕާޓީގެ ކުލައަކަށް ޕާޓީ ރޫހަކަށް ބެލުމެއް ނެތި އަމިއްލަ ރަށާއި އަމިއްލ އަތޮޅާއި އަމިއްލަ ސިޓީގެ ކުރިމަގަަށް ޓަކައި ނިންމުމެއް ނިންމާން އެބަ ޖެހެއެވެ.

މިއަހަރުން ފެށިގެން ކައުންސިލްތަކުން އަމިއްލައަށް ކަންކަން ރާވައި ހިންގޭނެއެވެ. ޕާކުތަކާއި ބީޗުތަކާއި އޮފީސް އިމާރާތް ތަކާއި ބަނދަރާއި ބުރިޖު ފަދަ ތަންތަން ތަރައްގީ ކުރަން ނިންމާނީ ވެސް އަދި އެކަމުގެ ބަޖެޓް ހަމަޖައްސައި އެކަން ކުރާނީ ވެސް ކައުންސިލް ތަކުންނެވެ. މިނިސްޓްރީ އަކުން ނުވަތަ މައި ސަރުކާރަކުން ނޫނެވެ. ހޮވަން މިޖެހެނީ މިފަދަ ކަންކަން އަމިއްލައަށް އިސްނަގައިގެން ކުރެވޭ ވަރުގެ ކައުންސިލަރުންނެވެ. މިބަދަލާއި އެކު ބައެއް ރަށްތަކާއި އަތޮޅުތައް ތަރައްގީވެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވާނެއެވެ. ނާގާބިލު ނުވަތަ ނަޒާހަތްތެރިކަމެއް ނެތް ކައުންސިލަރުން ހޮވާ ރަށްތަކާއި އަތޮޅުތައް ބިކަވެ ފަހަތަށް ޖެހިގެން ދާނެއެވެ. އެއިރުން މައި ސަރުކާރާ ދިމާއަށް އިނގިލި ދިއް ނުކުރެވޭނެއެވެ. އެފަދަ ބަޔަކު ވާނީ އަމިއްލަ ކަރަށް މަޅި މަހާލި ބަޔަކަށެވެ.