ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުއްޖާ ރޭޕްކުރި މައްސަލައިގައި ކަމާބެހޭ އިދާރާތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލަ ކުރިއަށްދާ ގޮތް ބެއްލެވުމަށް ކަމާބެހޭ މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު "ވަން" އަށް ވިދާޅުވީ، އެ ބައްދަލުވުން ބާއްވާފައިވަނީ ރޭ މުލިއާގޭގައި ކަމަށެވެ. ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގައި އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައި، ރައީސް ވަނީ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށާއި ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް އެ މައްސަލަ ވީހާވެސް ރަނގަޅަށް ބައްލަވައިދެއްވުމަށް ކަމާބެހޭ އިދާރާތަކުގެ ވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އަނިޔާ ލިބިފައިވާ ކުއްޖާއަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެ ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

އުމުރުން ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެނީ އެކުއްޖާގެ ބައްޕަ 33 އ. އާއި ކާފަ 62 އ. އަދި މުނިކާފަ 82 އ. އެވެ. އަދި އެ މައްސަލައިގައި އެ ތިން މީހުން ވެސް ވަނީ ހައްޔަރުކޮށް، ދޫނިދޫގައި ބަންދުކޮށްފައެވެ. އޭގެ ތެރެއިން ކާފަ އާއި މުނިކާފަގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، ކުއްޖާގެ ބައްޕަގެ ބަންދުގެ މުއްދަތު އަދި ޖެހިކަމެއް ފުލުހުން ނުބުނެއެވެ.