ޚަބަރު

ހުޅުމާލޭގައި ހިންގި ހަމަނުޖެހުންތަކުން 27 މީހުން ހައްޔަރުކުރި، ބަންދުގައި މިހާރު ތިބީ 19 މީހުން

ގއ. ކަނޑުހުޅުދޫގައި ރޭޕް ކުރި ދެ އަހަރުގެ އަންހެން ކުއްޖާގެ ބައްޕަ ފިލާ ހުރި ފުލެޓް ކައިރިއަށް އެއްވި މީހުންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ 19 މީހުން ކަމަށް ފުލުހުން ބުނެފިއެވެ.

ދެ އަހަރުގެ ކުއްޖާ ރޭޕްކޮށްފައި ހުރިކަން ފަޅާއެރުމުން އެކުއްޖާގެ ބައްޕަ ވަނީ ރަށުން ފުރައިގެން މާލެ އައިސްފައެވެ. އަދި އޭނާ ފިލާ ހުރީ ހުޅުމާލެ ފުލެޓް 108 ގެ އެޕާޓްމަންޓެއްގައެވެ. އެނގިފައިވާ ގޮތުގައި އެ އެޕާޓްމަންޓަކީ ކުއްޖާގެ މާމަ، (ބައްޕަގެ މަންމަ) ދިރިއުޅޭ ފުލެޓެވެ.

އެކަން އެނގުމާއެކު އިއްޔެ އަސުރުން ފެށިގެން އެ ފުލެޓް ކައިރިއަށް ގިނަ ބަޔަކު ޖަމާވެ ކުއްޖާގެ ބައްޕަ އެމީހުންނާ ހަވާލުކުރުމަށް ގޮވައި ދިޔައީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ކުއްޖާގެ ބައްޕަ ހުރި ގެއަށް ވަންނަން ކޮޓަރިއެއްގެ ކުޑަދޮރުގެ ބިއްލޫރިތައް ވެސް ތަޅާލިއެވެ. ފަހުން ގާ ވެސް އުކިއެވެ.

އެމީހުން ކޮންޓްރޯލްކޮށް ކުއްޖާގެ ބައްޕަ ނެރުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ކާމިޔާބުނުވެ އެ ސަރަހައްދު އިތުރަށް ހޫނުވުމުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖަހައިފައެވެ. އަދި އެ ހަމަނުޖެހުންތަކުގައި އާންމުންނާއި ފުލުހުންގެ ބައެއް މީހުންނަށް ވެސް އަނިޔާގެ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

ނަމަވެސް އަނިޔާވެފައިވަނީ ކިތައް ފުލުހުންނަށް ކަމެއް އަދި ނޭނގެއެވެ.

ފުލުހުން ބުނީ، ހުޅުމާލެ ފުލެޓް 108 ކައިރިން ހަމަނުޖެހުން ހިންގައިގެން ރޭ ޖުމްލަ 27 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ އަންހެނަކާއި 26 ފިރިހެނުންނެވެ. ފިރިހެނުންގެ ތެރޭގައި ކުޑަ ދިން ކުދިން ވެސް ހިމެނެއެވެ.

ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން ކުޑަކުދިން ރޭ އާއިލާ އާ ހަވާލުކޮށްފައިވާއިރު، އަންހެން މީހާ އާއި ހަތަރު ފިރިހެނުން ރޭ ވަނީ ދޫކޮށްލައިފައެވެ. އެހެންކަމުން ފުލުހުންގެ ހައްޔަރުގައި މިހާރު ތިބީ 19 މީހުން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިހާރު ވަނީ ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ އެކުއްޖާގެ ބައްޕަ 33 އ. އާއި ކާފަ 62 އ. އަދި މުނިކާފަ 82 އ. ހައްޔަރުކޮށްފައެވެ. އެމީހުންގެ ތެރެއިން އެކުއްޖާގެ ކާފަ އާއި މުނިކާފަ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ކަނޑުހުޅުދޫ އިންނެވެ. އަދި މިއަދު ހެނދުނުގެ ވަގުތެއްގައި ދެބަފައިން މާލެ ގެނެސް ވަނީ ދޫނިދޫގައި ބަންދުކޮށްފައެވެ.

ކުއްޖާގެ ބައްޕަ ހައްޔަރުކުރީ ހުޅުމާލެ ފުލެޓެއްގެ ތެރޭގައި ފިލާ ހުއްޓައި، ފުލުހުން އެ ފުލެޓްގެ ދޮރު ވައްޓާލައިގެން ވަދެއެވެ. އަދި ހައްޔަރުކޮށްގެން އޭނާ ވެސް މިހާރު ބަންދުކޮށްފައި ހުރީ ދޫނިދޫގައެވެ.