ގއ. ކަނޑުހުޅުދޫގައި ރޭޕް ކުރި ދެ އަހަރުގެ އަންހެން ކުއްޖާ މާލެ ގެނެސް، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މަންމަ ފަރާތު ބޮޑުދައިތައެއްގެ ހަވާލުގައި ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ކުއްޖާ މާލެ ގެނައީ ރޭ 20:30 އެހާކަންހާއިރު ކަމަށެވެ. އަދި ޖިންސީ އަނިޔާގެ ސަބަބުން ލިބިފައިވާ ގެއްލުންތައް އިތުރަށް ވަޒަންކުރުމަށް ކުއްޖާ މިހާރު އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މިހެން ބުނެފައިވާއިރު، އެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އިއްޔެ މީޑިއާތަކަށް ވިދާޅުވީ ކުއްޖާގެ ހާލު މިވަގުތު ރަނގަޅު ނޫން ކަމަށާއި ނަމަވެސް އެ ކުއްޖާ މިހާރު ވަނީ ރައްކާތެރިކަމުގައި ކަމަށެވެ.
އެގޮތުން ކުއްޖާ ކުރިން ހުރި މާހައުލުން މުޅިން ދުރު ކުރެވިފައިވާއިރު ކުއްޖާ ދެން ގެންގޮސް ލާތަނަކީ ނުވަތަ ހަވާލު ކުރެވޭ އާއިލީ މެންބަރެއް ނަމަވެސް އެއީ ރައްކާތެރި ތަނެއްކަން ކަށަވަރު ކުރައްވާނެ ކަމަށްވެސް މިނިސްޓަރު އިއްޔެ ވިދާޅުވިއެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނީ، ކުއްޖާއަށް ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި އަނިޔާ ލިބުނު އަންހެން ކުއްޖާއާ ގުޅޭގޮތުން ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް ލިބުނީ މިދިޔަ ބުދަ ދުވަހުގެ ހަވީރު 4:30 ގައި ކަމަށެވެ.
އެގޮތުން އެ މައްސަލަ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު އެދުވަހުގެ 7:30 ހާއިރު ކުއްޖާ ދިރިއުޅެމުންދިޔަ މާހައުލަށް މިނިސްޓްރީގެ ކޭސް ވޯކަރުންނާއި ފުލުހުން ގޮސް މައުލޫމާތު ސާފުކުރުމަށްފަހު ކުއްޖާ މެޑިކަލް އެސެސްމެންޓް ހެދުމަށް އެރޭގެ 10:55 ހާއިރު ކުއްޖާ ސަރަހައްދީ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.
އަދި ކުއްޖާ ބެލިބެލުމުން ކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާ ކަމަށް ބެލެވޭތީ ކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށްޓަކައި ކުއްޖާ އާއިލާގެ ފަރާތުން ބޮޑުދައިތައާ ވަގުތީ ގޮތުން ހަވާލުކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް ކުއްޖާގެ ބޮޑުދައިތައަށް ގިނަ ދުވަސްތަކެއް ވަންދެން ކުއްޖާ ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވުމުގައި ދަތިތަކެއް ހުރުމާއެކު ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރުން އެންމެ ރަނގަޅު ފަރާތެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ކުއްޖާގެ މާމަ ކަމުން ކުއްޖާ އޭނާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިހާރު ވަނީ ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ އެކުއްޖާގެ ބައްޕަ 33 އ. އާއި ކާފަ 62 އ. އަދި މުނިކާފަ 82 އ. ހައްޔަރުކޮށްފައެވެ. އެމީހުންގެ ތެރެއިން އެކުއްޖާގެ ކާފަ އާއި މުނިކާފަ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ކަނޑުހުޅުދޫ އިންނެވެ. އަދި މިއަދު ހެނދުނުގެ ވަގުތެއްގައި ދެބަފައިން މާލެ ގެނެސް ވަނީ ދޫނިދޫގައި ބަންދުކޮށްފައެވެ.
ކުއްޖާގެ ބައްޕަ ހައްޔަރުކުރީ ހުޅުމާލެ ފުލެޓެއްގެ ތެރޭގައި ފިލާ ހުއްޓައި، ފުލުހުން އެ ފުލެޓްގެ ދޮރު ވައްޓާލައިގެން ވަދެއެވެ. އަދި ހައްޔަރުކޮށްގެން އޭނާ ވެސް މިހާރު ބަންދުކޮށްފައި ހުރީ ދޫނިދޫގައެވެ.