ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުފުރޭ ކުޑަކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ މާލެ ގެނެސް ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފިއެވެ.
ކުއްޖާގެ މުނިކާފަ ހަސަން މޫސާ ދީދީ، 81 އ. އާއި ކާފަ އިބްރާހިމް ދީދީ، 62 ފުލުހުންގެ ބެލުމުގެ ދަށުން މާލެ ގެނައީ މިއަދު ހެނދުނު ގދ. ކާޑެއްދޫ ސިފައިންގެ މަރުކަޒުގައި ބަންދުކޮށްފައި ބޭތިއްބުމަށްފަހު މިއަދު ހެނދުނުއެވެ.
އެމީހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުން ނެރެގެން ގެންގޮސް ފުލުހުންގެ ލޯންޗަކަށް އަރުވައިގެން ގެންދިޔައީ ދޫނިދޫއަށެވެ. ފުލުހުން ވެސް ވަނީ އެމީހުން މިހާރު ތިބީ ދޫނިދޫގައި ބަންދުގައިކަން ކަށަވަރު ކޮށްދީފައެވެ.
ޑޮމެސްޓިކް ޓާމިނަލުން މުނިކާފަ ނެރުނުއިރު އިނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. ނަމަވެސް ކާފަ އާއި މުނިކާފަ އަތުގައި ވެސް ބިޑިއެއް އަޅުވާފައެއް ނުވެއެވެ.
ކަނޑުހުޅުދޫ އިން އެދެބަފައިން އިއްޔެ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް އެންމެ ފުރަތަމަ ގެންދިޔައީ ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށެވެ. އެކޯޓުން ދެބަފައިންގެ ބަންދަށް ޖަހާފައިވަނީ 15 ދުވަހެވެ.
ނަމަވެސް ރަށުގެ ރައްޔިތުން ނުކުމެ އެރަށު ޕޮލިސް ސްޓޭޝަން ކައިރީގައި އިހުތިޖާޖު ކުރަން ފެށުމުން އެމީހުން ދެން ގެންދިޔައީ ކާޑެއްދޫ ސިފައިންގެ މަރުކަޒަށެވެ.
ފުލުހުން ބުނާ ގޮތުގައި، މި ދެބަފައިންނަކީ ވެސް މީގެ ކުރިން ޖިންސީ ގޯނާކުރުމުގެ ރެކޯޑް އޮންނަ މީހުންނެވެ.
ދެ އަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރި މައްސަލައިގައި އެކުއްޖާގެ ބައްޕަ ވެސް ރޭ ހުޅުމާލޭން ވަނީ ހައްޔަރުކޮށް ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައެވެ. ނަމަވެސް އޭނާގެ ބަންދުގެ މުއްދަތަށް ޖެހީ ކިތައް ދުވަސް ކަމެއް އަދި ނޭނގެއެވެ.