ޚަބަރު

ދެއަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭންޖެހޭ: އިދިކޮޅު

އާނިފާ ހުސެއިން ސިރާޖް

ދެއަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަަލައިގައި ބައިވެރިވި މީހުންނަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި، އެ ކުއްޖާގެ ބައްޕަ އާއި ބައްޕަ ފަރާތުގެ ކާފަ އާއި މުނި ކާފަ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.

މިކަމާ ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރި ކުރުން އެންމެ ހަށުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށާއި އެ އަމަލު ހިންގާފައި ވަނީ އެ ކުއްޖާއަށް ރައްކާތެރިކަމާ ހިމާޔަތް ދޭންޖެހޭ ފަރާތްތަކުން ކަމަށް ވުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ.

އެ އަމަލު ހިންގި ފަރާތްތަކަކީ ހިތުގައި އެއްވެސް ކުލުނެއް ނުވަތަ އިންސާނިއްޔަތު ކަމުގެ އެއްވެސް މިންވަރެއް ހުރި ބައެއް ނޫން ކަން ފާހަގަ ކުރައްވައި އިދިކޮޅުން ބުނީ އެ ނުލަފާ އަމަލު ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ވަގުތުން ގެނެސް، އެމީހުންނަށް ގާނޫނު ތަކުން ކަނޑާއެޅިފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީން ބުނީ އެފަދަ ލާއިންސާނީ އަނިޔާވެރި އަމަލުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު ދިއުމަކީ އެ ކޯލިޝަނުން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

އެފަދަ ލާއިންސާނީ އަނިޔާވެރި އަމަލުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ހުއްޓުވުމަށް ދައުލަތުގެ މުއައްސަސާތަކުން ކުރަން ޖެހޭ ކަންކަން ހަރުދަނާ ކަމާ އެކީގައި ކުރުމަށް އިދިކޮޅުގެ ބަޔާނުގައި ވަނީ ގޮވަލާފައެވެ.