ގއ. ކަނޑުހުޅުދޫގައި ރޭޕް ކުރި ދެ އަހަރުގެ އަންހެން ކުއްޖާގެ ބައްޕަ ހުޅުމާލޭ ފްލެޓެއްގެ ތެރޭގައި ހުއްޓައި ފުލުހުން އެ ފްލެޓުގެ ދޮރު ވައްޓާލައިގެން ވަދެ އޭނާ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާއިން ދާދި ދެންމެ ބުނީ، "ފުލުހުން މިހާރު ބަލަމުންދާ ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހުޅުމާލޭ 108 ނަންބަރު ފްލެޓުން 33 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ. އަދި އޭނަ މިހާރު ވަނީ ދޫނިދޫއަށް ގެންދެވިފައި." ކަމަށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކޮށްގެން ގެންދިޔައީ ކުއްޖާގެ ބައްޕަ އެވެ.
ދޮރު ހަލާކު ކޮށްލައިގެން ފުލުހުން ވަނީ ހުޅުމާލޭ ފްލެޓް 108 އަށެވެ. ފުލުހުން އެ ފްލެޓުގެ ދޮރު ހަލާކުކޮށްލީ އިރުގަނޑެއް ވާންދެން އެ ތަން ހުޅުވައިތޯ މަސައްކަތް ވެސް ކުރުމަށް ފަހު އެވެ. އެ ފްލެޓުގައި ކުއްޖާގެ ބައްޕަ ހުރި ކަމަށް ބުނެ ހަވީރުއްސުރެ ފްލެޓު ކުރިމައްޗަށާއި އެ ސަރަހައްދަށް ގިނަ އަދަދެއްގެ އާންމުން ވަނީ އެއްވެފަ އެވެ.
ފުލުހުން ކުއްޖާގެ ބައްޕަ ހައްޔަރުކޮށްގެން ގެންގޮސްފައި މި ވަނީ ފްލެޓުގެ ދޮރު ވައްޓާލައިގެން އެތެރެޔަށް ވަދެ ފްލެޓް ތެރޭގައި ވެސް ގިނަ އިރުތަކެއް ވާންދެން ހަރަކާތްތެރިވުމަށްފަހު އެވެ. އޭނާ ހައްޔަރުކޮށްގެން ނެރެގެން ގެންދިޔުމަށް ގިނަ އިރުތަކެއް ނެގީ ގިނަ އަދަދެއްގެ އާންމުން އެ ސަރަހައްދުގައި ނުރުހުން ފާޅުކުރަމުން ދިޔުމުގެ ސަބަބުން އެމީހާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ކަމަށް ބެލެވެ އެވެ.
އެ ސަރަހައްދަށް އެއްވެ ތިބި އާންމުން ވަނީ ވަރަށް ބޮޑަށް ހޫނު ވެފައި ކަމަށާއި، ކުއްޖާގެ ބައްޕަ އެމީހުންނާ ހަވާލު ކުރުމަށް ވެސް އޭގެ ތެރެއިން ބަޔަކު ގޮވަމުން ދިޔަ ކަމަށް އެ ސަރަހައްދުގައި ތިބި ވަން ގެ ނޫސްވެރީން ބުނެ އެވެ.
އެ ސަރަހައްދުގައި ތިބި ވަން ގެ ނޫސްވެރީން ބުނި ގޮތުގައި އެތަނުން އޭނާ ނެރުމަށާއި ނުކުތުމަށް ގޮވައި އާންމުން އަންނަނީ ހަވީރުއްސުރެ އަޑު އުފަލަމުންނެވެ.
ވަން އަށް އެނގިފައިވާ ގޮތުގައި މި ފްލެޓަކީ ކުއްޖާގެ މާމަ، (ބައްޕަގެ މަންމަ) ދިިރިއުޅޭ ފްލެޓެވެ.
އެ ސަރަހައްދު އިތުރަށް ހޫނުވެ، ފްލެޓާ ދިމާއަށް އެއްޗެހި ވެސް އުކާފައި ވެއެވެ. ފްލެޓުގެ ބިއްލޫރިގަނޑެއް ވެސް ވަނީ ތަޅާލައިފަ އެވެ. އަދި އެހެން ބައެއް ކަހަލަ ގެއްލުންތައް ވެސް ފްލެޓަށް ދީފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. ސަރަހައްދު އިތުރަށް ހޫނުވުމުގެ ސަބަބުން އާންމުން ދުރުކުރުމަށް ފުލުހުން ޕެޕާ ސްޕަރޭ ޖަހާފައިވާ ކަމަށް ވެސް ވަންގެ ނޫސްވެރީން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި ފުލުހުން ވަނީ މިއަދު މެންދުރު ފަހު ކަނޑުހުޅުދޫން އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ވެސް ހައްޔަރުކޮށްފަ އެވެ. އަދި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން އަދި ޖެންޑާ މިނިސްޓްރީގެ ޓީމެއް އެ ރަށުގައި މިހާރުވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ވަންގެ ނޫސްވެރީން ނަގާފައިވާ ފޮޓޯތަކުން ފްލެޓު ތެރޭގައި ފުލުހުން ފިރިހެނަކާ މުލާމަލާތް ކުރާތަން ފެނެ އެވެ. އެހެން ނަމަވެސް އެއީ ކާކުކަމެއް ނޭނގެ އެވެ.
މި ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި ފުލަހަކަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ މީޑިއާއިން ބުނެއެވެ.
ވަން ގެ ނޫސްވެރީން ބުނީ އެ ސަރަހައްދުން އަނިޔާވެފައި ވަނީ އެންމެ ފުލުހަކަށް ނޫން ކަަށާއި އެންމެ މަދު ވެގެން ވެސް ދެ ފުލުހަކަށް އަނިޔާވިކަން އެނގިފައިވާ ކަމަށެވެ.
ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މިއަދު ވިދާޅުވީ ކުއްޖާ މިހާރު ވަނީ ރައްކާތެރި ވެއްޓަކަށް ބަދަލުކޮށްފައި ކަމަށެވެ.