ކުޑަކުދީންނަށް ކުރާ އަނިޔާ

2 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލަ: ކުއްޖާގެ ބައްޕަ ހުރި ފްލެޓުގެ ދޮރު ވައްޓާލައިގެން ފުލުހުން ވަދެއްޖެ

ގއ. ކަނޑުހުޅުދޫގައި ރޭޕް ކުރި ދެ އަހަރުގެ އަންހެން ކުއްޖާގެ ބައްޕަ ހުޅުމާލޭ ފްލެޓެއްގެ ތެރޭގައި ހުއްޓައި ފުލުހުން އެ ފްލެޓުގެ ދޮރު ވައްޓާލައިގެން ވަދެއްޖެ އެވެ.

ދޮރު ހަލާކު ކޮށްލައިގެން ފުލުހުން ވަނީ ހުޅުމާލޭ ފްލެޓް 108 އަށެވެ. ފުލުހުން އެ ފްލެޓުގެ ދޮރު ހަލާކުކޮށްލީ އިރުގަނޑެއް ވާންދެން އެ ތަން ހުޅުވައިތޯ މަސައްކަތް ވެސް ކުރުމަށް ފަހު އެވެ. އެ ފްލެޓުގައި ކުއްޖާގެ ބައްޕަ ހުރި ކަމަށް ބުނެ ހަވީރުއްސުރެ ފްލެޓު ކުރިމައްޗަށާއި އެ ސަރަހައްދަށް ގިނަ އަދަދެއްގެ އާންމުން ވަނީ އެއްވެފަ އެވެ.

އެ ސަރަހައްދުގައި ތިބި ވަން ގެ ނޫސްވެރީން ބުނި ގޮތުގައި އެތަނުން އޭނާ ނެރުމަށާއި ނުކުތުމަށް ގޮވައި އާންމުން އަންނަނީ ހަވީރުއްސުރެ އަޑު އުފަލަމުންނެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި މި ފްލެޓަކީ ކުއްޖާގެ ބައްޕަގެ މަންމަ ދިިރިއުޅޭ ފްލެޓެވެ.

އެ ސަރަހައްދު އިތުރަށް ހޫނުވެ، ފްލެޓާ ދިމާއަށް އެއްޗެހި ވެސް އުކާފައި ވެއެވެ. ފްލެޓުގެ ބިއްލޫރިގަނޑެއް ވެސް ވަނީ ތަޅާލައިފަ އެވެ. ސަރަހައްދު އިތުރަށް ހޫނުވުމުގެ ސަބަބުން އާންމުން ދުރުކުރުމަށް ފުލުހުން ޕެޕާ ސްޕަރޭ ޖަހާފައިވާ ކަމަށް ވެސް ވަންގެ ނޫސްވެރީން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ މިއަދު މެންދުރު ފަހު ކަނޑުހުޅުދޫން އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ވެސް ހައްޔަރުކޮށްފަ އެވެ. އަދި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން އަދި ޖެންޑާ މިނިސްޓްރީގެ ޓީމެއް އެ ރަށުގައި މިހާރުވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

"ފުލުހުން އަންނަނީ ފްލެޓުގެ އެތެރޭގައި ހަރަކާތްތެރިވަމުން. މިތަނުގެ ބޭރުގައޮި ފުލުހުންގެ ވެހިކަލްތައް ވެސް އެބަ ހުރި." ވަންގެ ނޫސްވެރިޔާ ބުންޏެވެ.

ވަންގެ ނޫސްވެރީން ނަގާފައިވާ ފޮޓޯތަކުން ފްލެޓު ތެރޭގައި ފުލުހުން ފިރިހެނަކާ މުލާމަލާތް ކުރާތަން ފެނެ އެވެ. އެހެން ނަމަވެސް އެއީ ކާކުކަމެއް ނޭނގެ އެވެ.

މި ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި ފުލަހަކަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ މީޑިއާއިން ބުނެއެވެ.

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މިއަދު ވިދާޅުވީ ކުއްޖާ މިހާރު ވަނީ ރައްކާތެރި ވެއްޓަކަށް ބަދަލުކޮށްފައި ކަމަށެވެ.