މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިގެން ދެން، އެއްވެސް ކުއްޖެއްގެ ޖިންސީ އަނިޔާގެ މައްސަލައެއް ނާންނާނެ ކަމުގެ ޔަގީންކަން އޮވެއްޖެއްޔާ ވަގުތުން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވަން ހުންނެވީ ތައްޔާރަށް ކަމަށް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސް މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.
ޝިދާތާ މިހެން ވިދާޅުވީ، ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލައާ ގުޅިގެން، ކުޑަކުދިންނަ ޖިންސީ އަނިޔާ ކުރުމާ ދެކޮޅަށް މިއަދު މުޒާހަރާ ބޭއްވި ސަރަހައްދަށް ވަޑައިގެތުމުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މުޒާހަރާގެ ބައިވެރިންވެސް ވަނީ މިނިސްޓަރުގެ އިސްތިއުފާއަށް ގޮވައިފައެވެ.
އެ ސަރަހައްދުގައި ހުންނަވައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ، މައްސަލަތައް ތަހުގީގު ކުރުމާއި، މީހުން ހައްޔަރު ކުރުމަކީ ޖެންޑާ މިނިސްޓްރީގެ ދައުރެއްނޫން ކަމަށެވެ. ޖެންޑާ މިނިސްޓްރީގެ ގާނޫނީ މެއިންޑޭޓަކީ އަނިޔާލިބޭ ފަރާތްތަކާއެކީގައި މަސައްކަތް ކުރުން ކަމަށްވެސް ވިދާޅުވިއެވެ.
އެހެން ނަމަވެސް ތަހުގީގީ އިދާރާތަކާއެކީގައި މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކުޑަކުދިންގެ ހައްގުގައި އެ ކުދިން ރައްކާތެރި ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި ކުޑަކުދިންނަށް ކުރާ އަނިޔާތައް ޓޮލަރޭޓް ނުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދެ ކުނުގެ ރަށެގައި ރޭޕްކުރި ދެ އަހަރުގެ ކުއްޖާއަށް ރައްކާތެރިކަން ދީފައިވާ ކަމަށެވެ.