ޚަބަރު

ރޭޕްކުރި ކުއްޖާގެ ހާލަތު ރަނގަޅެއް ނޫން، ކުއްޖާ މިހާރު ވަނީ ރައްކާތެރިކަމުގައި: ޖެންޑާ މިނިސްޓަރު

އިބްރާހިމް ޒަކީ

ގއ. ކަނޑުހުޅުދޫގައި ރޭޕް ކުރި ދެ އަހަރުގެ އަންހެން ކުއްޖާގެ ހާލު މިވަގުތު ރަނގަޅު ނޫން ކަމަށާއި ނަމަވެސް އެ ކުއްޖާ މިހާރު ވަނީ ރައްކާތެރި ކަމުގައި ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.

ޖެންޑާ މިނިސްޓަރު މިހެން ވިދާޅުވީ، ކުޑަކުދީންނަށް ޖިންސީ އަނިޔާ ކުރުމާ ދެކޮޅަށް އަޑު އުފުލުމަށް ޖެންޑާ މިނިސްޓްރީ ކުރިމަތީގައި މިހާރު ކުރިއަށްދާ އެއްވުމަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، އެކުއްޖާއަށް ދޭންޖެހޭ ސިއްހީ ހިދުމަތްތަކާއި، އިތުރަށް އެކުއްޖާ ރައްކާތެރި ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ގުޅުންހުރި އިދާރާތަކާއެކު ކުރަމުން އަންނަ ކަމަށެވެ.

"ކުއްޖާގެ ހާލަތު މިވަގުތަކު ރަނގަޅެއް ނޫން، އެހެން ނަމަވެސް އެކުއްޖާ މިހާރު އޭނީ ރައްކާތެރިކަމުގައި، އެކުއްޖާއަށް ދޭން ޖެހޭ ސިއްހީ ހިދުމަތްތަކާއި އަދި އިތުރަށް އެކުއްޖާ ރައްކާތެރި ކުރުމަށް ކުރަން ޖެހޭ މަސައްކަތް ޖެންޑާ މިނިސްޓްރީ އާއި ގުޅުންހުރި އިދާރާތަކާއެކު މިއަންނަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެކުއްޖާ ކުރިން ހުރި މާހައުލުން މުޅިން ދުރު ކުރެވިފައިވާ ކަމަށެވެ.

އަދި އެކުއްޖާ ދެން ގެންގޮސް ލާތަނަކީ، ނުވަތަ ހަވާލު ކުރެވޭ އާއިލީ މެންބަރެއް ނަމަވެސް އެއީ ރައްކާތެރި ތަނެއްކަން ކަށަވަރު ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު މިވަނީ އެކުއްޖާ ހުރި މާހައުލުން މުޅިން ދުރު ކުރެވިފައި. އަޅުގަނޑުމެން ޔަގީން ކުރާނަން ދެން އެކުއްޖާ ގެންގޮސް ލާނީ، އަދި ހަވާލު ކުރެވޭ، އިތުރު އާއިލީ މެންބަރަކާ ހަވާލުކުރާ ކަމުގައި ވިޔަސް ހަވާލު ކުރާނީ ކުއްޖާއަށް ރައްކާތެރި ތަނެއްގައިކަން،" މިނިސްޓަރު ވިދާޅުވިއެވެ.

ގދ. ކަނޑުހުޅުދޫގައި އުމުރުން އެންމެ ދެ އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއްގައި، ފުލުހުން މިއަދު ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ.

މިއަދު ހައްޔަރު ކުރި ދެމީހުންނަކީ ކުޑަކުއްޖާ ރޭޕު ކުރި މައްސަލައިގައި ތުހުމަތު ކުރެވޭ، އެ ކުއްޖާގެ ކާފަ އާއި މުނިކާފަ އެވެ.