ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަހުގީގު އަވަސް ކުރުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެ އެވެ.
ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތި ވެފައި ވަނިކޮށް މިއަދު ކުރެއްވި ޓްވީޓެއްގައި ޕީޖީ ޝަމީމު ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް އަވަހަށް ތަހުގީގުކޮށް ދަޢުވާ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އަވަހަށް، އެފަދަ މައްސަލަތަކުގެ ޝަރީއަތް ނިންމުމަކީ ވެސް އެހާ މުހިންމު ކަމެއް ޕީޖީ ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ، ނިޒާމު ހިނގާކަން އިހްސާސްވާންއެބަޖެހޭ ކަމަށެވެ.
ޕީޖީ މިހެން ވިދާޅުވެފައިވާއިރު، ދެކުނުގެ ރަށެއްގައި، ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި، އެ ކުއްޖާގެ ބައްޕަ ފަރާތުގެ ކާފަ އާއި މުނި ކާފަ މީގެ އިރުކޮޅެއް ކުރިން ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުންގެ ބުނީ މި ދެ އަހަރުގެ ކުއްޖާއާ މެދު ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ދެ މީހެއްގެ މައްޗަށް ކުރެވޭ ކަމަށާއި އެ ގޮތުން މިއަދު މެންދުރު ފަހު 15:05 އެހާ އިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 62 އަހަރުގެ މީހެއް ކަމަށެވެ. ދެވަނަ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިއަދު 15:25 އެހާ އިރު ކަމަށާއި އެއީ 81 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
"ވަން އޮންލައިން" އަށް މުއުތަބަރުކޮށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރި ދެމީހުންނަކީ ކުޑަކުއްޖާ ރޭޕު ކުރި މައްސަލައިގައި ތުހުމަތު ކުރެވޭ، އެ ކުއްޖާގެ ކާފަ އާއި މުނިކާފަ އެވެ.