ޚަބަރު

އަނބި ދަރިންނަށް ދޫކޮށްފައިދާ މުދަލަކީ ހަލާލު އެއްޗެއްތޯ ބަލަންޖެހޭ: ހުތުބާ

އިބްރާހިމް ޒަކީ

ތިމާ އާއި ތިމާގެ އަނބި، ދަރިންނަށް ދޫކޮށްފައިދާ މުދަލަކީ ހަލާލު އެއްޗެއް ކަމުގައިވޭތޯ ބެލުމަކީ ކުރަންޖެހޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ހަލާލު ތަކެތި ބޭނުން ކުރުމުގެ މައްޗަށް އަމާޒު ކޮށްފައިވާ މިއަދުގެ ހުކުރު ހުތުބާގައި، ހަރާމެއްް ހަލާލެއް ނުބަލައި މުދާ ހޯދުމާއި ފައިސާވެރި ވުމަކީ ދުނިޔެ އާއި އާހިރަތުގެ ބާއްޖަވެރިކަން ގެއްލިގެންދާނެ ކަމެއް ކަމަށް ބުނެފައިވެއެވެ. އެއީ އެމީހަކު ކުރާ އަޅުކަމަކަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

"ދުނިޔެއަށް ވުޖޫދުވާ ކޮންމެ މަހުލޫގެއްގެ ރިޒުގު ވަނީ ކަނޑައެޅި ލިޔެވިގެން. އެމީހަކަށް ކަނޑައެޅިފައިވާ ރިޒުގު ފުރިހަމައަށް ލިބުމަށްފަހުގައި މެނުވީ އެއްވެސް އިންސާނަކު މި ދުނިޔެ ދޫކޮށްފައި ނުދާނެ. މުދަލާއި ފައިސާއަށް ހިތް ލެނބުމަކީ ތަބީއީ ކަމެއް. އެތަކެއްޗަކީ އިންސާނާ ނުހަނު ބޮޑަށް ލޯބި ކުރާ ތަކެތި. އިންސާނާ މުދަލަށް ލޯބި ކުރި ނަމަވެސް ހަރާމެއްް ހަލާލެއް ނުބަލައި މުދާ ހޯދުމާއި ފައިސާވެރިވުމަކީ ދުނިޔެ އާއި އާހިރަތުގެ ބާއްޖަވެރިކަން ގެއްލިގެންދާނެ ކަމެއް. އެއީ އެމީހަކު ކުރާ އަޅުކަމަކަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް.،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައި ވަނީ ހަލާލު ރިޒުގު ހޯދާނެ ވަސީލަތްތައް ﷲ ތައާލާ މި ދުނިޔެ މަތީގައި ލައްވާފައިވާ ކަމަށެވެ.

"ކިތަންމެ މުއްސަނދި މީހެއް ކަމަށްވިނަަމަވެސް އެމީހަކު ދުނިޔެ ދޫކޮށްފައި ދާން ޖެހެނީ މައްޔިތާގެ ހަށި ގަނޑުގައި ކަފުނުގެ ގޮތުގައި އޮޅާލާ ތިން ފޮށަޔާއި އޭގައި އުނގުޅާ ހަނޫތު ކޮޅަކައިގެން. އޭނާ އެއްކުރިހައި މުދާތަށް ވާރުތަ ވެރިންނަށް ދޫކޮށްފަ. މިއީ އިންސާނާ އަބަދުވެސް ހަނދާންކުރަންޖެހޭ ކަމެއް. އޭނާ ހޯދާ ފައިސާ އާއި ތަނަވަސް ކަމަކީ ﷲ ހަލާލު ކުރެއްވި ގޮތުގައި ހޯދި އެއްޗެއްތޯ ކަށަވަރު ކުރަން ޖެހޭ،" ހުތުބާގައި ވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ މުދާ ދެއްވާ ފަރާތުން މުދާ ދެއްވަނީ، އަޅާ އެ މުދަލާއި ތަނަވަސްކަމުގެ ބޭނުން ހިފާގޮތެއްް ބެލުމަށް ކަމަށާއި، މުދަލުން ހޭދަ ކުރުމާއި މުދަލުގައިވާ އަނެކުންގެ ހައްގުތައް އަދާ ކުރުމަށް ކަމަށެވެ.

މާތް ﷲ ދެއްވި މުދަލުގެ ނިއުމަތަށް ޝުކުރުވެރި ވުމުގެ ބަދަލުގައި ދަހިވެތިކަން އިސްކޮށްފިނަމަ މުދަލުގެ ބަރަކާތް ކެނޑިގެންދާނެ ކަމަށާއި، ގާރޫނާއި އޭނާގެ މުދާ ނެތި ކުރައްވައި ހަލާކު ކުރެއްވި ގޮތާމެދު ވިސްނުމަށް ހުތުބާގައި ވަނީ އިރުޝާދު ދެއްވައިފައެވެ.

ހުތުބާގައި ބުނެފައި ވަނީ މަސައްކަތް ކުރުމަކީ މާތް ވެގެންވާ އިސްލާމް ދީން ނުހަނު ބޮޑަށް ބާރުއަޅާ ކަމެއް ކަމަށެވެ. ކަންނެތް ކަމާއި ސަލާން ޖެހުމަކީ ދުރުހެލިވާންޖެހޭ ކަމެއް ކަމަށެވެ. ދަހިވެތި ކަމަކީ ނިކަމެތި ކަމެއް ކަމަށާއި، އިސްރާފު ކުރުމަކީ ހަރާމް ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

"އަޅުގަނޑުމެން ފައިސާ ހޯދަން ޖެހޭނީ ވެސް އަދި އެ ފައިސާ ހޭދަކުރަންޖެހެނީ ވެސް ހުއްދަ ކަންތައްތަކުގަ އާއި ހުއްދަ ގޮތުގަ. ދުންފަތުގެ އިސްތިއުމާލް ކުރުމުގައި ދުވާލެއްގެ މައްޗަށް އެތައް ރުފިޔާއެއް އިސްރާފު ކުރާ މީހުން ވިސްނާ ފިކުރު ކުރަން ޖެހޭ. އޭގެ ސަބަބުން ހަށިގަނޑަށް އެ ދެވެނީ ކިހާ ބޮޑު ގެއްލުމެއް. އެފަދަ ތަކެތި އެތެރެކޮށް ވިއްކާ މީހުންނަށް ކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން އިހުސާސް ކުރެވޭތޯ،" ހުތުބާގައި ސުވާލު ކޮށްފައިވެއެވެ.

ދުނިޔެ އާއި އާހިރަތުގެ ބާއްޖަވެރިކަން ހޯދުމަށްޓަކައި ކަންދެއްކުމަކާ ނުލައި އިހުލާސްްތެރި ކަމާއެކު ﷲގެ މަގުގައިި ހޭދަ ކުރުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ކަންތައްތަކުގައި މާލީ ގޮތުން ބައިވެރި ވުމާއި، ފަގީރުންގެ ބޭނުންތައް ފުއްދައި ދިނުން ފަދަ ކަންކަމަކީ ކުރަންޖެހޭ ކަންތައްތައް ކަމުގައި ބުނެފައިވެއެވެ.

"އެއީ ގެއްލިގެންދާ ހޭދަ ކުުރުމެއްނޫން. އެއީ ދުނިޔެ އާއި އާހިރަތު ގައި ތިމާއަށް ނުހަނު ފައިދާ ލިބެނިވި ކަންކަން. ތަގުވާވެރި ވުމަކީ ރިޒުގު ތަނަވަސް ވުމަސށް އޮތް ސަބަބެއް. އެއާ ހިލާފަށް ﷲ އަށް އުރެދުމަކީ ހުރިހައި ގޮތަކުން ބަރަކާތް ކެނޑިގެންދާ ކަމެއް؛" ހުތުބާގައި ވެ އެވެ.