ބޮލީވުޑް

ވަރުން އާއި ނަތާޝާގެ ކައިވެނި މެއިމަހު

ވަރުން ދަވަން އާއި ނަތާޝާ ދަލާލްގެ ކައިވެނީގެ ވާހަކަތައް ދެކެވޭތާ ދުވަސްތަކެއް ވަނީ ވެފައެވެ.

ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި މިދެލޯބިވެރިން މިއަަހަރުގެ މެއިމަހު ކައިވެނިކުރަން މިހާރު ވަނީ ނިންމައިފަ އެވެ.

ފިލްމު ޕްރޮޑިއުސަރަކު މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ ވަރުން އާއި ނަތާޝާގެ ކައިވެނީގެ ރަސްމިއްޔާތު އޮންނާނީ ގޯއާގައި ކަމަށެވެ. އަދި ކައިވެނީގެ ހަފުލާތައް އެއް ހަފުތާއަށް ދެމިގެން ދާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެ ޕްރޮޑިއުސަރު އިތުރަށް ބުނީ ކައިވެންޏަށް ބޮލީވުޑުގެ ގިނަ ތަރިންތަކެއް މިހާރުން ފެށިގެން ދުވަސްތައް ރިޒާވް ކުރަމުން އަންނަ ކަމަށެވެ. ކައިވެނި އޮންނަ ދުވަސް ސީދާ ހާމަ ނުކުރިނަމަވެސް ކައިވެނި ކުރާނީ މެއިމަހު ދޭއް ނުވަތަ ތިންވަނަ ހަފުތާގައި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކައިވެނި ކުރުމަށް ހަމަޖައްސާފައި ވަނީ ގޯއާގެ ލަގްޒަރީ ބީޗް ރިސޯޓެއްގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ވަރުން މިވަގުތު ކުރަމުން އަންނަނީ ރޭމޯ ޑިސޫޒާގެ ފިލްމުގެ ތިން ވަނަ އިންސްޓޯލްމަންޓް، ސްޓްރީޓް ޑާންސާގެ ތްރީޑީ ރިލީސްކުރުމުގެ މަސައްކަތެވެ. އޭގެ އިތުރުން ސާރާ އަލީ ހާން އާއެކު ކުޅޭ ފިލްމު ކޫލީ ނަންބަރު ވަންގެ ރީމޭކުންވެސް މިއަހަރު ވަރުން ފެނިގެން ދާނެއެވެ. އަންނަ އަހަރު ޖެނުއަރީގައި ރިލީސްކުރުމަށް ހަމަޖައްސާފައިވާ ފިލްމު ލެލޭގެ ލީޑް ރޯލުން ވެސް ވަރުން ފެންނާނެއެވެ.

ނަތާޝާ އަކީ ފެޝަން ޑިޒައިނަރެކެވެ.