ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް

ޕީކޭ އަތުން ވެލެންސިއާއަށް މޮޅެއް

ދެވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގައި ކްލަބު ޕީކޭއާ ދެކޮޅަށް ކުޅުނު މެޗުން ކްލަބު ވެލެންސިއާ މޮޅުވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕު ދޭއްގެ މެޗުގައި ޕީކޭ އަތުން ވެލެންސިއާ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ އަށްވަނަ މިނެޓުގައި ވެލެންސިއާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ވެލެންސިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އިރިއޭ ސެމުއެލް ޑެޑީއެވެ.

މެޗުގެ 31 ވަނަ މިނެޓުގައި ޕީކޭ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޕީކޭއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޝިފާޒް އާދިލްއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ވެލެންސިއާ ގޯލުގެ މަތީ ކަނަކަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، ވެލެންސިއާ އިން ވަނީ ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ވެލެންސިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ފައިސަލެވެ.

މެޗުގެ ދެވަނަ ހާފުގައި ވެލެންސިއާއަށް ލީޑު ފުޅާކޮށްލުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސެމުއެލްއަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ސެމުއެލްގެ ފުރަތަމަ ހަމަލާ ޕީކޭގެ ކީޕަރު ވަލީދު އިދުރީސް މަތަކުރި އިރު، އޭނާގެ ދެވަނަ ހަމަލާ އަމާޒުވީ ޕީކޭ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ދެވަނަ ޑިވިޝަން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕު އެކެއްގައި ހިމެނެނީ ޖޭޖޭ ސްޕޯޓްސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އާއި މަހިބަދޫ ސްޕޯޓްސް ކްލަބާއި ސުޕާ ޔުނައިޓެޑް ސްޕޯޓްސް އަދި ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމެވެ. ގްރޫޕު ދޭއްގައި ހިމެނެނީ ކްލަބު ޕީކޭ އާއި ކްލަބު ވެލެންސިއާ އާއި ކުޑަ ހެންވޭރު ޔުނައިޓެޑް އަދި ބީޖީ ސްޕޯޓްސްއެވެ.