މިއަހަރުގެ ހުރިހާ ދުވަހަކުވެސް ކައިވެނިކޮށްދޭނެ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
މިދިޔަ އަހަރުގެ ތެރޭގައި ފެމިލީ ކޯޓުން ވަނީ މިއަހަރުގެ ހުރިހާ ހޮނިހިރު ދުވަހަކާއި ރޯދަ މަހުގެ ފުރަތަމަ ދުވަހާއި އެދުވަހާއި ގުޅިގެން ލިބޭ ބަންދު ދުވަސްތަކާއި ފިތުރު އީދު ދުވަހާއި އެ ދުވަހާއި ގުޅިގެން ލިބޭ ބަންދު ދުވަސްތައް އަދި މިނިވަން ދުވަހުގެ މުނާސަބާގައި ޖުލައި 26 އަދި 27 އަދި އަލްހާ އީދުގެ މުނާސަބާގައި ދެ ދުވަހެއްގައި ކައިވެނި ނުކޮށްދޭން ނިންމައިފައެވެ.
ނަމަވެސް ފެމިލީ ކޯޓާ ހަވާލާދީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ މީޑިއާ އޮފިޝަލް "ވަން" އަށް މިރޭ ވިދާޅުވީ، އެ ނިންމުން ބަދަލުކޮށް މިއަހަރުގެ ހުރިހާ ދުވަހަކު ވެސް ކައިވެނިކޮށްދޭން ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުން ނިންމާފައިވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ފެމިލީ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
ފެމިލީ ކޯޓުގެ މި ނިންމުމާއެކު މި އަހަރު ވެގެންދާނީ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދޭން ފެމިލީ ކޯޓުން ނިންމި ފުރަތަމަ އަހަރަށެވެ.