ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރަށްރަށުގައި ކަނޑައަޅާ ޓޫރިޒަމް ޒޯނުތައް ކައުންސިލާ ހަވާލު ކުރުމުގެ ވިސްނުން އެބައޮތް: ރައީސް

އިބްރާހިމް ޒަކީ

ލާމަރުކަޒީ ގާނޫނުގެ ދަށުން މާލީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ކައުންސިލްތައް ބާރުވެރި ކުރުވާއިރު، އެރަށެއްގައި ކަނޑައަޅާ ޓޫރިޒަމް ޒޯނު، ޓޫރިޒަމް މިނިސްޓްރީގެ ދަށުން ވަކިކޮށް އެ ރަށެއްގެ ކައުންސިލްގެ ބެލުމުގެ ދަށަށް ދާގޮތަށް ހަމަޖައްސަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހދ.ކުޅުދުއްފުށީގައި އިއްޔެ ބޭއްވި "އެމްޑީޕީ ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ގައި ކައުންސިލްތަކުގެ އިހުތިސާސްގެ ދަށަށް ދާ ތަންތަނާ ބެހޭގޮތުން ބައެއް ކައުންސެލަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރަށްރަށުގެ އިހުތިސާސުގެ ތެރެއަށްދާ ޓޫރިޒަމް ޒޯނުތައް މިހާރު ޓޫރިޒަމް މިނިސްޓްރީގެ ދަށުގައި އޮތް ނަމަވެސް ވިސްނުން އޮތީ އެ ތަންތަން ކައުންސިލްތަކުގެ ބެލުމުގެ ދަށަށް ބަދަލުކޮށް އެތަންތަނުން ލިބޭ ކުލި ވެސް ސީދާ ކައުންސިލްތަކަށް ލިބޭ ގޮތަށް ހަމަޖެއްސުމަށް ކަމަށެވެ.

އެކަންތައް އެގޮތަށް ކުރުމާބެހޭ ގޮތުން، ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިހާރު އޮތް ގޮތުން މިއޮތީ ޓޫރިޒަމް މިނިސްޓްރީގެ ދަށުގައި، އެކަމަކު އަޅުގަނޑުމެންގެ ވިސްނުން މިއޮތީ، މިހާރު އެލްޖީއޭއާ ވެސް އެވާހަކަ ދައްކަމުން މިދަނީ، އެ ރަށެއްގައި ކަނޑައަޅާ ޓޫރިޒަމް ޒޯނު އެއީ އެރަށެއްގެ ކައުންސިލްގެ ބެލުމުގެ ދަށަށް ގޮސް އޭގެން އެލިބޭ ކުއްޔާއި އެއްޗެހި ސީދާ ކައުންސިލަށް ލިބޭ ގޮތް ހަމަޖެއްސުމަށް. އިރާދަ ކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ހަމަޖައްސާނަން،" ރައީސް ވިދާޅުވިއެވެ.

ލާމަރުކަސީ ގާނޫނު ބުނާ ގޮތުން އިދާރީ ދާއިރާއެއްގައި ހިމެނޭ ކޮންމެ ސިޓީ ކައުންސިލަކާއި ރަށު ކައުންސިލެއްގެ އިހުތިސާސް، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަން ވާނެއެވެ.

އިހުތިސާސް ކަނޑައެޅުމުގައި އެ ރަށެއްގެ ކައުންސިލްގެ އިހުތިސާސަކީ އެ ރަށާއި އެ ރަށުގެ އުރަފަތުން ފެށިގެން 700 މީޓަރު ކަމުގައި ކަނޑައެޅުމަށްވެސް ގާނޫނުގައި ބުުނެފައި ވެއެވެ.