މޯލްޑިވްސް ކަސްޓަމްސް ސާވިސް

މިދިޔަ މަހުގެ އެކްސްޕޯޓު %19 ދަށްވި ނަމަވެސް، ލިބުނު އާމްދަނީ އިތުރުވެއްޖެ

އާނިފާ ހުސެއިން ސިރާޖް

މިދިޔަ މަހުގެ ތެރޭގައި ރާއްޖޭން ބޭރަށް އެކްސްޕޯޓް ކުރި މުދަލުގެ އިންސައްތަ ދަށްވި ނަމަވެސް އެ މުއްދަތުގެ ތެރޭގައި އިމްޕޯޓު/އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސްއިން މިއަދު އާންމުކުރި މިދިޔަ ޑިސެމްބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މިދިޔަ މަހު ރާއްޖޭގެ އެކްސްޕޯޓު ވަނީ 19 އިންސައްތަ ދަށްވެފައެވެ. 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެކްސްޕޯޓް ކުރި މުދަލުގެ އަގަކީ 523 މިލިއަން ރުފިޔާއެވެ. މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖޭން އެކްސްޕޯޓު ކޮށްފައިވަނީ 426 މިލިއަން ރުފިޔާގެ މުދާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ ތެރޭގައި ރާއްޖޭގެ އިމްޕޯޓް 2018 ވަނަ އަހަރާ އަޅައިބަލާއިރު އިތުރުވެފައިވަނީ އެންމެ ހަތަރު އިންސައްތައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު 4.2 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އިމްޕޯޓު ކޮށްފައިވާއިރު، މިދިޔަ މަހު އެ އަދަދު ހުރީ 4.4 ބިލިއަން ރުފިޔާގައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 10 އިންސައްތަ އިތުރުވެފައި ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެކްސްޕޯޓް އަދި އިމްޕޯޓުން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 329 މިލިއަން ރުފިޔާއެވެ. މިދިޔަ މަހު އެ އަދަދު ވަނީ 361 މިލިއަން ރުފިޔާއަށް އިތުރު ވެފައެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ؛ ޗައިނާ، ޔޫއޭއީ، އަދި މެލޭޝިއާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. ޗައިނާއިން 753 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު، ޔޫއޭއީ އިން 654 މިލިއަން އަދި މެލޭޝިއާ އިން 445 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު ވަނީ އެތެރެކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓު ކޮށްފައި ވަނީ ތައިލޭންޑަށެވެ.