ސިޔާސީ

ލާމަރުކަޒީ ނިޒާމުގެ ވާހަކަ އަޅުގަނޑުގެ ހިތަށް ވައްދައިދިން އެކަކީ ރައީސް ސޯލިހު: ރައީސް ނަޝީދު

ލާމަރުކަޒީ ނިޒާމުގެ ވާހަކަ އެމަނިކުފާނުގެ ހިޕްޕުޅަށް ވައްދަވައިދެއްވި އެއް ބޭފުޅަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، "އެޖެންޑާ 19 ރަށަށް" ގެ ދަށުން، ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ޖަލްސާގައި ވެސް ރައީސް ނަޝީދު ވަނީ ލާމަރުލަޒީ ނިޒާމަކީ އެމްޑީޕީގެ އަމިއްލަ ފިކުރެއްް ކަމަށް ވިދާޅުވާ ވިދާޅުވުން އެކި ގޮތްގޮތަށް ތަކުރާރު ކުރައްވާފަ އެވެ.

"ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ދަރިޔެއް، ގަރަބުގަތީއްސުރެ ފަށައިގެން މި ޕާޓީގެ އުފަން ދަރިޔެއް، މި ޕާޓީން ބަލައި ބޮޑުކޮށް ތަރުތީބުކުރަމުން ގެނައި ދަރިޔެއް. މިދިޔަ 10 އަހަރު ބަލަހައްޓަމުން ގެންދާ ކުއްޖެއް. އެނގިވަޑައިގެންނަވާނެ ޕީޕީއެމުން މި ކުއްޖާއަށް ޅަފަތުގައި އެދިން އަނިޔާ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ޅަފަތުގައި ރޫޅާލުމަށް ޕީޕީއެމުން ގިނަ ކަންތައްތަކެއް ކުރި ކަމަށެވެ. އެ ގޮތުން މިދިޔަ ފަސް އަހަރު ތެރޭ ފަސް ފަހަރު ލާމަރުކަޒީ ގާނޫނު އުލު ބައިންދައިފި ކަމަށާއި ލާމަރުކަޒީ ގާނޫނަށް ފަސް އިސްލާހު މިދިޔަ ފަސް އަހަރު މަޖިލީހަށް ހުށަހަޅައި އެ ގާނޫނުގެ ބާރު އިންތިހާއަށް ކަނޑުވާލި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގެ ރޫހު ޕީޕީއެމުން ވަނީ ގެއްލުވާލާފަ ކަމަށެވެ.

"ލާމަރުކަޒީ ނިޒާމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއް. އެއީ އަދި މިކަން ނިމުނު ހިސާބެއް ނޫން. މި ނިޒާމުގެ ވާހަކަ ހަމަގައިމުވެސް އަޅުގަނޑުގެ އުމުރުން 20، 22 އަހަރުން ފެށިގެން، 18 އަހަރުން ފެށިގެން އަޅުގަނޑުގެ ހިތަށް ވައްދައިދީފައިވާ އެކަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ. އެއީ ފާދިއްޕޮޅު ހިންނަވަރު، ނޫރާނީއާގެ، މުހައްމަދު ސޯލިހު ކަލޭގެފާނުގެ އިބްރާހިމް މުހައްމަދު ސޯލިހު،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ މުހިންމުކަމާއި، މަރުކަޒުވެފައިވާ ނިޒާމަކުން ބައެއްގެ ތަނަވަސްކަމާއި ގައުމެއްގެ ކުރިއެރުން ނުހޯދޭނެކަން އެއީ އެއްވެސް ހާލެއްގައި ހިތުގައި ޝައްކެއް ހިނގާ ކަމެއް ނޫން ކަމަށެވެ. އަދި އެއްވެސް ހާލެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެކަން އޮޅިވަޑައިގެންފައި ނުވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން، ވައުދުވެވަޑައިގަންނަވަމުން ގެންދެވީ އެއީ ހިތުގެ އަޑީން ގަބޫލުކުރެއްވޭ ވާހަކައެއް ވީމަ ކަމަށް ވެސް ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.