ލިއޮނެލް މެސީ

ރޮނާލްޑޯ އާއި އަހަރެންގެ ވާދަވެރިކަން މީހުންގެ ހިތްތަކުން ފިލައިގެންނެއް ނުދާނެ: މެސީ

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ސްޕެއިންގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ކުޅޭ "އެލް ކްލެސިކޯ" މެޗުތައް މާ ހާއްސަ ކަމަށާއި އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ރޮނާލްޑޯގެ ވާދަވެރިކަން މީހުންގެ ހިތްތަކުން ފިލައިގެން ނުދާނެ ކަމަށް މެސީ ބުނެފިއެވެ.

މެސީ އާއި ރޮނާލްޑޯ ފާހަގަކޮށްލެވިފައިވަނީ ފުޓުބޯޅައިގެ ތާރީހުގައި އެންމެ ވާދަވެރި ދެ ކުޅުންތެރިންގެ ގޮތުގައެވެ. 2009 އިން ފެށިގެން 2018 އަށް ބެލޮންޑިއޯ އެވޯޑުތައް އެ ދެ ކުޅުންތެރިން ނޫން އެހެން ކުޅުންތެރިޔަކަށް ހޯދިފައެއް ނުވެއެވެ. ރެއާލް މެޑްރިޑްގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޑް އެ ސިލްސިލާ ނިމުމަކަށް ގެނައި ނަމަވެސް، އަލުން މެސީ ވަނީ މިދިޔަ އަހަރު ބެލޮންޑިއޯ އެވޯޑު ހޯދައިފައެވެ.

މެސީ ގަބޫލުކުރާގޮތުގައި ރެއާލް ދޫކޮށް އިޓަލީގެ ޔުވެންޓަސްއާ ރޮނާލްޑޯ ގުޅުނު ނަމަވެސް، އެ ދެ ތަރިންގެ ވާދަވެރިކަމަކީ ސަޕޯޓަރުންގެ ހިތްތަކުން ފިލައިގެންދާނެ ކަމެއް ނޫނެވެ.

"އެ ވާދަވެރިކަމަކީ ހިތްތަކުން ފިލައިގެން ދާނެ ކަމެއް ނޫން. އެންމެ މަތީ ފަންތީގައި އަހަރެމެންގެ ވާދަވެރިކަން އެތައް އަހަރެއް ވަންދެން ކުރިއަށްދިޔަ. ހާއްސަކޮށް ދެ ކްލަބު ކުޅުނު މެޗުތަކުގައި. ބާސާ އާއި ރެއާލްގެ މެޗުތަކަކީ ދުނިޔޭގެ އެންމެ ވަރުގަދަ މެޗުތައް،" އޭނާ ބުންޏެވެ.

މެސީ ބުނީ އެހާ ގިނަ އަހަރު ވަންދެން ކުރިއަށްދިޔަ އެ ވާދަވެރިކަމުގެ ސަބަބުން އެކަން އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމަށާއި އޭރު ބާސާ އާއި ރެއާލްގެ ކުރިމަތިލުންތަކަކީ ސަޕޯޓަރުން އެންމެ އިންތިޒާރުކުރި މެޗުތައް ކަމަށެވެ. އަދި ރެއާލަށް ރޮނާލްޑޯ ކުޅުނު އިރު، އެ ކްލަބާ ދެކޮޅަށް ކުޅުނު މެޗުތައް މާ މުހިންމު ކަމަށް ވެސް މެސީ ބުންޏެވެ.