ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ދިރާސާކޮށްފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި ރިޕޯޓުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ މަޖިލީހަށް އަފްރާޝީމްގެ މަރުގެ ރިޕޯޓު ހުށަހެޅުމުން މަރު ކޮމިޝަން ހާޒިރުކޮށް ސުވާލުކުރުމަށް މަޖިލީހުގެ 241 ކޮމިޓީގެ މެންބަރުން ކައިރިން އެދިފައިވާނެ ކަމަށާއި ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ކޮމިޓީން އެ ފުރުސަތު ދޭން ބޭނުން ނުވި ކަމަށެވެ.
އަފްރާޝީމްގެ މަރުގެ މައްސަލައިގައި އޭރު ތަހުގީގު ކުރިއަށްގެންދިޔަ ޕޮލިސް ކޮމިޝަނަރުގެ ހައިސިއްޔަތުން މަރު ކޮމިޝަނަށް މައުލޫމާތު ހިއްސާކުރި ބޭފުޅަކަށްވާތީ، އަފްރާޝީމްގެ މަރުގެ މައްސަލައިގެ ރިޕޯޓު ދިރާސާކުރުމުގައި ބައިވެރިވެފައި ނުވާނެ ކަން ވެސް ރިޔާޒް ފާހަގަކުރެއްވިއެވެ.
"އެ މައްސަލަ މަޖިލީހަށް އައީމަ، އެ މެންބަރުން ކައިރިން އަޅުގަނޑު އެދުނިން ރައްޔިތުން ސުވާލުތަކެއް އުފެއްދިއޭ. އެ ސުވާލުތައް ކުރެވެން ވާނެ ކަމަށް ގަބޫލުކުރަމޭ. އަޅުގަނޑު ގަބޫލުކުރާގޮތުގައި މަޖިލީހުގެ 241 ކޮމިޓީން އެކަން ދިޔައީ އެންމެ ރަނގަޅަކަށް ނޫން. ސުވާލުކުރެވިގެން އިތުރަށް ތަފުސީލުވާން ޖެހޭ ކަންތައްތައް އެ ރިޕޯޓުގައި ހުރި،" އޭނާ ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ އެ ރިޕޯޓުގެ ސައްހަކަމާ މެދު އިދިކޮޅުން ވެސް ސުވާލުތަކެއް އުފެއްދި ކަމަށާއި ނަމަވެސް ރިޕޯޓާ ބެހޭގޮތުން ކޮމިޓީން މަރު ކޮމިޝަނާ ސުވާލުކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ސުވާލުތަކެއް އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ރިޕޯޓު ސައްހަކަން ނުވަތަ ނޫންކަން ދަންނަވަން އަޅުގަނޑަށް އުނދަގޫ. މިސާލަކަށް އޭގެ ބައެއް ހެކިތަކެއްގެ ވާހަކަ އެބަހުރި. އެ ހެކިތަކާ ސުވާލުކުރީ ކޮން ބައެއްތޯ ވެސް، އެ އޮންނަ ޕްރޮސެސްގެ ތެރެއިން ކުރެވުނު ސުވާލުތަކެއްތޯ ވެސް ކުރަންޖެހޭ. އެ ރިޕޯޓު ބަލައިގަންނަނީކީ ވެސް ނޫން،" އޭނާ ވިދާޅުވިއެވެ.
ރިޔާޒް އިތުރަށް ވިދާޅުވީ މަގާމުގެ ގޮތުން އެ މައްސަލައިގައި ލިބުނު ހުރިހާ މައުލޫމާތެއް މަރު ކޮމިޝަނާ ހިއްސާކޮށްފައިވާނެ ކަމަށާއި އެ ކޮމިޝަނުން އޯޑިއޯ ރެކޯޑިން ވެސް ހަދާފައިވާ ކަމަށެވެ.