ދުނިޔެ

މޭގަންއާ ދެކޮޅަށް ކޯޓުގައި ބައްޕާފުޅު ހެކިބަސްދެއްވަނީ

ޕްރިންސް ހެރީގެ އަނބިކަބަލުން މޭގަން މާކަލްއާ ދެކޮޅަށް ކޯޓުގައި ހިނގާ މައްސަލައެއްގައި މޭގަންއާ ދެކޮޅަށް ހެކިބަސް ދިނުމަށް އެކަމަނާގެ ބައްޕަފުޅު ތޯމާސް މާކަލް ނިންމަވައިފިއެވެ.

މީޑިއާ ރިޕޯޓެއްގައި ވާ ގޮތުގައި އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ ސަންޑޭ ނިއުސްޕޭޕަރާ ދެކޮޅަށް މޭގަން ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ނޫހުގެ ދިފާއުގައި ހެކިބަސް ދެއްވުމަށް މޭގަންގެ ބައްޕާފުޅު ވަނީ ނިންމަވައިފަ އެވެ. އެކަން ލަންޑަންގެ ހައިކޯޓުގެ ފަހުގެ ލިޔެކިޔުންތަކުން ވަނީ ހާމަވެފައިކަމަށް ރިޕޯޓުގައި ވެއެވެ.

އެ މައްސަލައަކީ މެއި 2018ގައި ޕްރިންސް ހެރީއާއެކު މޭގަންގެ ކައިވެންޏަށް ބައްޕާފުޅު ހާޒިރު ނުވުމަށް އެދި ފޮނުވާފައިވާ ސިޓީއެއް އެ ނޫހުން ޝާއިއު ކުރުމާ ގުޅިގެން މޭގަން ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.

ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، މޭގަންގެ ބައްޕާފުޅު ވަނީ ސަންޑޭ ނޫހުގެ ވަކީލަށް އެދެބަފައިންގެ ދެމެދުގައި 2018ގެ ކުރީކޮޅު މެސެޖުން ކޮށްފައިވާ މުއާމަލާތްތައް ހިއްސާކޮށްފައި ކަމަށެވެ. އޭގެ ތެރެއިން ޕްރިންސް ހެރީއާ މެދު ހިތްހަމަނުޖެހިގެން ކޮށްފައިވާ މެސެޖުތަކުގެ ސަބަބުން ހާޓް އެޓޭކެއް ޖެހިގެން ސާޖަރީއަށް މޭގަންގެ ބައްޕާފުޅު އެޑްމިޓްވެސް ކުރި އެވެ.

ކައިވެނީގެ ކުޑަދުވަސްކޮޅެއް ކުރިން މޭގަން ވަނީ ބައްޕާފުޅު ހާޓް އެޓޭކެއް ޖެހި ފަރުވާ ހޯއްދަވަމުން ގެންދަވާތީ އެދެކަނބަލުންގެ ކައިވެނި ހަފުލާގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ނޫހުގެ މައްޗަށް މޭގަން ކުރައްވާފައިވާ ދައުވާގައި ކޮޕީރައިޓް، ޒާތީ މައުލޫމާތު މިސްޔޫސް ކުރުމާއި، އިނގިރޭސިވިލާތުގެ ޑާޓާ ޕްރޮޓެކްޝަން ލޯ ވައިލޭޓް ކުރިކަމަށް ވިދާޅުވެފައި ވެއެވެ.

ދިފާއުގައި ނޫހުން ބުނަނީ މޭގަންގެ ބައްޕާފުޅު ދެއްވަން ބޭނުންފުޅުވާ އިންޓަވިއުއެއް ނުވަތަ އޭނާގެ ފަރާތުން ހިއްސާކުރައްވަން ބޭނުންފުޅުވާ ވާހަކަތައް ހިއްސާކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިވަޑައިގެންފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސިޓީ ހިއްސާކުރުން ވެސް ހިމެނޭ ކަމަށެވެ.

ސިޓީ ނޫހަށް ދެއްވި މައްސަލައިގައި މޭގަންގެ ބައްޕާފުޅު ވިދާޅުވަނީ، އެ ސިޓީ ނޫހަށް ދެއްވީ އެދެބަފައިންގެ ގުޅުން މޭގަން އޮޅުވައިލެއްވުމަށް މަސައްކަތް ކުރެއްވީތީ ކަމަށެވެ. އެހެންކަމުން ތެދު ހާމަކުރައްވަން ބޭނުންފުޅުވީ ކަމަށް އޭނާ ވިދާޅުވިއެވެ.