ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް

އައްސަދުގެ ކޯޗުކަމުގެ ދަށުން ޖޭޖޭ އިން ފެށުން ރަނގަޅުކޮށްފި

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއަށް ފުރަތަމަ ރަން މެޑަލް ހޯދައިދިން ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އައްސަދު އަބްދުލްޤަނީގެ ކޯޗުކަމުގެ ދަށުން ޖޭޖޭ ސްޕޯޓްސް ކްލަބުން ދެވަނަ ޑިވިޝަންގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕު އެކެއްގެ މެޗުގައި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އަތުން ޖޭޖޭ މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ. އެ މެޗަކީ ދެވަނަ ޑިވިޝަންގެ ފުރަތަމަ މެޗެވެ.

އެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ސިފައިންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި ޖޭޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ސިފައިންނަށް ލީޑު ހޯދައިދިނީ އިބްރާހިމް ފާރިޝްއެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ޖޭޖޭ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ބޯޅަ ހިފައިގެން ސިފައިންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ޖޭޖޭއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ހާފިޒެވެ.

އެ ލަނޑު ޖެހިތާ މިނެޓެއް ފަހުން ވެސް ޖޭޖޭއަށް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން މިގްދާދު ސައީދު ފޮނުވާލި ހަމަލާ އަމާޒުވީ ސިފައިންގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ޖޭޖޭ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޖޭޖޭގެ ހަމަލާއެއް ސިފައިންގެ ޓީމުގެ ކީޕަރު މުހައްމަދު ޝިފާން މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުން ޖޭޖޭއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ސިމާޒް (ކޮކީ) އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ޖޭޖޭ ކުރީގައި އޮވެގެންނެވެ.

މެޗުގައި ޖޭޖޭ އިން ޖެހި ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. ޖޭޖޭއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އަލީ ހާފިޒެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ސިފައިންގެ ގޯލުގެ ތިރީ ކަނަކަށެވެ.

ދެވަނަ ޑިވިޝަން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕު އެކެއްގައި ހިމެނެނީ ޖޭޖޭ ސްޕޯޓްސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އާއި މަހިބަދޫ ސްޕޯޓްސް ކްލަބާއި ސުޕާ ޔުނައިޓެޑް ސްޕޯޓްސް އަދި ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމެވެ. ގްރޫޕު ދޭއްގައި ހިމެނެނީ ކްލަބު ޕީކޭ އާއި ކްލަބު ވެލެންސިއާ އާއި ކުޑަ ހެންވޭރު ޔުނައިޓެޑް އަދި ބީޖީ ސްޕޯޓްސްއެވެ.

ދެވަނަ ޑިވިޝަނުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ މަހިބަދޫ އާއި ސުޕާ ޔުނައިޓެޑް ސްޕޯޓްސްއެވެ.