ކޮލަމް

ދީނާއި ސިޔާސަތުގެ ގުޅުން - 2

އަބްދުﷲ ފާރޫގް ހަސަން

ޕްރޮފެސަރ މުޙުސިން ޢުޘްމާނީ ނަދުވީ

ތަރުޖަމާ : އަބްދުﷲ ފާރޫގުޙަސަން

އިސްލާމްދީން : ދީނާއި ދުނިޔޭގެ އެކުވުމެއް - އިތުރުދަލީލުތައް

އިސްލާމްދީނަކީ އިންސާނީ ހަޔާތުގެ ޝާމިލު ނިޒާމެއް ކަމުގައި ބުނެވޭ ބުނެވުމަކީ އަސްލެއްނެތް ބުނުމެއް ނޫނެވެ. އިސްލާމީ ތަހްރީކަކުން ނުވަތަ އެފަދަ ތަހްރީކެއްގެ ގާއިދެއްގެ ފަރާތްޕުޅުން އުފައްދައިފައިވާ ބުނުމެއްނޫނެވެ. އަދި ކީއްތޯއެވެ. އެއީ ވަރަށް ވެސް ފާޅުކަން ބޮޑު ޙަޤީޤަތެކެވެ. ކީރިތި ޤުރްއާނާއި ނަބަވީ އިރްޝާދާއި، އިސްލާމީ ތާރީޚުން ސާބިތު ހެކި ދެއްކެން ހުރި ޙަޤީޤަތެކެވެ. އަރަހުށި މާތްﷲ ވަޙީކުރައްވައިފައިވެއެވެ.

"އަދި (ދީނާ ދެކޮޅަށް އުފައްދާ) ފިތުނަވެރިކަން ނެތިއްޖައުމަށް ދާންދެން އަދި ދީން ﷲ އަށް ޚާލިސް ވެއްޖައުމަށްދާންދެން ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަކުރާށެވެ! ފަހެ އެއުރެން އެކަންހުއްޓައިލައިފިނަމަ، އަނިޔާވެރިވާ ބައެއްގެ މައްޗަށް މެނުވީ އަދާވަތްތެރިވުމެއްނެތެވެ." (އަލްބަޤަރާ : 193)

މި ކީރިތި އާޔަތުން އިރްޝާދު ދެއްވާ ގޮތުގައި ކާފިރުންނާއި މުޝްރިކުން ފިތުނަވެރިކަން ހުއްޓައިލައިފިނަމަ އެބައިމީހުންނާ ހަނގުރާމަ ކުރުމެއް ޖާއިޒެއްނޫނެވެ. އާދެ، އެބައިމީހުން ހުއްޓައިލާންވީ ކާފިރުކަމެއްނޫނެވެ. ފިތުނަވެރިކަމެވެ. މި އާޔަތުން އެނގޭ ގޮތުގައި ދުނިޔޭގައި ބާޠިލުގެ ވެރިކަން ގާއިމުކުރުމަކީ ކާފިރުންނާއި މުޝްރިކުންނަށް އެކަމެއްގެ ޙައްޤު ލިބިގެންވާ ކަމެއް ނޫނެވެ. އިސްލާމްދީން ފެތުރުމަށް ހުރަސްއަޅައި އިސްލާމްދީން ޤަބޫލުކުރާމީހުންނަށް އަނިޔާކޮށް ޙައްޤު ފައިދޮށުލައި ފިތުނަ އުފެއްދުމުގެ އިޒުނައެއް އެބައިމީހުންނަކަށް ލިބިގެނެއް ނުވެއެވެ. ނަމަވެސް އެބައިމީހުން ޙައްޤާ ދުޝްމިނު ނުވާނަމަ ނުވަތަ ފިތުނަ ފަސާދަ ނުއުފައްދާނަމަ އެބައިމީހުންގެ ބާޠިލް އިލާހުންތަކަށް އަޅުކަން ކުރުމެއް މުސްލިމުން ނުހުއްޓުވާނެއެވެ. އެބައިމީހުން ޙައްޤާ ދުޝްމިނުވުމަށް ކަމަރުބަނދެފިނަމަ އެބައިމީހުނާ ހަނގުރާމަ ކުރެވޭނެއެވެ. ޙައްޤު ދީނުގެވެރިކަން ފުރިހަމަޔަށް ޤާއިމު ވެއްޖައުމަށްދާންދެނެވެ. މި އިރުޝާދުތަކުން އެނގޭގޮތުގައި އިސްލާމްދީން ޤާއިމުކޮށް ބާރުވެރި ކުރުމަށްޓަކައި ވެރިކަމުގެ ބާރެއް ބޭނުންވެއެވެ. އެބާރު ހޯދޭނީ ދައުލަތެއްގެ ޒަރީއާއިންނެވެ.

ކީރިތި ޤުރްއާނުގެ އެހެން އެތައް އާޔަތްތަކަކުންވެސް އިސްލާމްދީނަކީ ހަޔާތުގެ އެންމެހައި ދާއިރާތަކަކަށް އިރްޝާދުދޭ ޝާމިލު ދީނެއްކަން ސާބިތުވެއެވެ. އޭގެތެރޭގައި މިދަންނަވާދެއާޔަތް ހިމެނެއެވެ.
"ހަމަކަށަވަރުން އަމާނަތްތައް އޭގެ އަހްލުވެރީންނަށް އަދާކުރުމަށް ﷲ ތިޔަބައިމީހުންނަށް އަމުރު ކުރައްވަތެވެ. އަދި މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ހުކުމް ކުރާނަމަ ޢަދުލަށް ހުކުމް ކުރުމަށްވެސް އަމުރު ކުރައްވަތެވެ! ހަމަކަށަވަރުން ﷲ އެކަމަކާމެދު ތިޔަބައިމީހުންނަށް ވަޢުޡު އިއްވަވާ ކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން ﷲ އީ މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ބައްލަވައިވޮޑިގެންވާ ކަލަކުކަމުގައިވިއެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށާއި ތިޔަބައިމީހުންގެ ތެރެއިން ވެރީންނަށްވެސް ކިޔަމަންވާށެވެ!

ފަހެ، ކަމަކާ މެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ ﷲ އަށާއި ރަސޫލާއަށް އެކަމެއް ހުށަހަޅާށެވެ! (އެބަހީ : އެކަމަކާމެދު ﷲ އާއި އެކަލާނގެ ރަސޫލާގެ ހުކުމް އޮތްގޮތެއް ބަލައި އެގޮތަށް އަމަލުކުރާށެވެ!) ތިޔަބައިމީހުން ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވާ ކަމުގައިވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެއެވެ." (އައްނިސާއު : 59، 58)
އަރަސްޠޫ އަކީ ގްރީކުގެ ވަރަށް ބޮޑު ފަލްސަފީއެކެވެ. އޭނާ އަދުލުވެރިވުމަށާއި އިންސާފުވެރިވުމަށް ސަރުކާރަށް ވަރަށް ބޮޑަށް ބާރު އަޅުއްވައެވެ. އޭނާ ވިދާޅުވާ ގޮތުގައި ޢަދުލުވެރިކަން ފިޔަވައި އެހެންކަމެއްގެ މައްޗަކަށް ސަރުކާރެއް ބިނައެއް ނުކުރެވޭނެއެވެ. މަތީގައި ބަޔާންކުރެވުނު އާޔަތުގައިވެސް ވެރިކަމުގެ ދަރަޖަވެރީންނަށް ވަނީ އަދުލު އިންސާފު ގާއިމުކުރުމަށް އަމުރު ކުރައްވައިފައެވެ.
ކައުސާހިބާގެ ޙަދީޘްފުޅެއްގައި ވަނީ އަމާނަތްތެރިކަމުގެ ސިފަ ނެތިގެން ދިޔުމަކީ ޤިޔާމަތް ކައިރިވުމުގެ އަލާމަތެއްކަން ބަޔާން ކުރައްވައިފައެވެ. (އަމާންތެރިކަން ގެއްލޭންފަށައިފިނަމަ ޤިޔާމަތަށް އިންތިޒާރުކުރާށެވެ). ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހުގައިދެންނެވުމެވެ. އަމާނަތް ނަގައިލެވުމަކީ ނުވަތަ ނެތިކޮށްލެވުމަކީ ކޮބައިތޯއެވެ. ޙަދީޘް ކުރެއްވިއެވެ. ކަމާއެކަށީގެން ނުވާމީހުނާ ކަންކަން ހަވާލުކުރެވޭނަމަ ޤިޔާމަތް ވުމަށް އިންތިޒާރު ކުރާށެވެ. (ބުޚާރީ)

އާދެ، އެއްވެސް މަގާމެއް ނުވަތަ މަސްއޫލިއްޔަތެއް އެކަމަކާ އެކަށީގެންނުވާ މީހަކާ ހަވާލުކުރެވުމަކީ އަމާނަތް ނަގައިލުމެވެ. ވެރިކަމާއި، ސަރުކާރުގެ މަސްއޫލިއްޔަތުތަކަކީ އެންމެ ބޮޑު އަމާނަތެވެ. އެހެންކަމުން އެކަންކަން އެކަންކަމުގެ އަހްލުވެރީންނަށް ނަގުލުކުރުމަކީ އީމާންކަމުގެ އަހްލުވެރީންގެ ޒިންމާއެކެވެ. މާނައަކީ އީމާންކަމުގެ އަހްލުވެރީންގެ އަމީރަކު އިންތިޚާބު ކުރާނީ އެބައިމީހުންނެވެ. ސަރުކާރެއް އުފައްދާނީ އެއުރެންނެވެ. ބަޔާންކުރެވުނު އާޔަތުގެ ދެވަނަ ބައިގައި ސަރީޙު ކުރައްވައިފައިވަނީ ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވުމަށްފަހު އެންމެ މުހިންމުކަމަކީ މުއުމިނުންގެތެރެއިންވާ ވަލިއްޔުލްއަމްރަށް ކިޔަމަންވުންކަމެވެ. ވަލިއްޔުލްއަމްރުންނަށް ކިޔަމަންވުމަކީ ސަރުކާރު ހިންގުމާ ސިޔާސަތު ތަންފީޒުކުރުމުގެ ތެރެއިން ހިމެނޭކަމެކެވެ. އެހެންކަމުން މިކީރިތި އާޔަތުން ދަލީލު ލިބެނީ ދީނާއި ސިޔާސަތާ ވަކި ކުރުމުގެ ނަޒަރިއްޔާއަކީ ކުށް ނަޒަރިއްޔާއެއްކަމުގައެވެ. ހުކޫމަތާއި ސިޔާސަތުގެ މުހިންމުކަމެވެ. އެހެންނޫންނަމަކަ ވަލިއްޔުލްއަމްރުންނަށް ކިޔަމަންވުމުގެ ހުކުމް ބާވައެއް ނުލެއްވީހެވެ. އިސްލާމްދީން އެދޭ ގޮތަކީ އިޖްތިމާއީ މުއާމަލާތަކުގެ ލަގަން އިންސާފުގެ އަހްލުވެރީންގެ އަތުގައި އޮތުން ކަމާއި، ފާސިގުންނާއި މުޝްރިކުންގެ އަތުގައި އޮތުމެއް ނޫންކަންވެސް މިއާޔަތުން އެނގެއެވެ. ހުކޫމަތާއި ސިޔާސަތާ އިސްލާމްދީނާ ނުހަނު ވަރުގަދަ ގުޅުމެއް އޮންނަކަމާއި، އިސްލާމްދީނުގެ މިޒާޖަކީ ކްރިސްޓިޔަނިޓީއާ ތަފާތު މިޒާޖެއް ކަންވެސް އެނގެއެވެ. ކްރިސްޓިޔަނިޓީގެ ނަޒަރުގައި ދީނާއި ދުނިޔެއަކީ މުޅީން ތަފާތު ދެކަމެކެވެ. އެއްކަމެއް އަނެއްކަމަކާ ބީރައްޓެހި އަދި އެއްކަމެއް އަނެއްކަމަކާ ނުފަރިތަ ދެކަން ތަކެވެ. އެއްކަމެއް އަނެއްކަމަކާ އަރައިރުންވާ ދެކަންތަކެވެ. މި މާތް އާޔަތް ޝަރަހަކުރެއްވުމަށްޓަކައި ޢައްލާމާ އިބްނު ތައިމިއްޔާ ވަނީ މުސްތަޤިއްލު ފޮތެއް ލިޔުއްވައިފައެވެ. "އައްސިޔާސަތުއްޝަރްޢިއްޔާ" ގެ ނަމުގައެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ޙަދީޡްފުޅުތަކުގެ ޚަޒާނާއަށް ނަޒަރުހިންގައިލުމުން ފެންނަ ޙަދީޘުފުޅެއްގައި ހާކިމެއްގެ އަތްމައްޗަށް ބައިއަތު ނުހިފައިހުއްޓައި މަރުވެއްޖެ މީހެއްގެ މަރަކީ ޖާހިލިއްޔަތުގެ މަރެއް ކަމުގައި ވިދާޅުވެ ކުރައްވައިފައިވާ ހަދީޘުފުޅެއްވެސް ފެނެއެވެ. (މުސްލިމު)
މާނައަކީ މުސްލިމުންގެ އާބާދީއެއްގައި ކޮންމެ މުސްލިމަކުވެސް ކޮންމެފަދަ ހާލެއްގައިވެސް ހުންނާންވާނީ ހާކިމަކަށް ބައިއަތު ހިފައިގެންނެވެ. އެހާކިމަކު ވާންޖެހޭނީވެސް މުސްލިމަކު ކަމުގައެވެ. ޣައިރު މުސްލިމެއްގެ އަތްމައްޗަށް ބައިއަތުހިފުމަކީ މާތްﷲ ބާވައިލައްވައިފައި ނުވާކަމަކަށް ބައިއަތުހިފުމެވެ. އެއީ ހުއްދަކަމެއްނޫނެވެ.

އެތަނެއްގެ މުސްލިމުން ހިމެނެނީ އަޤައްލިއްޔަތެއްގެ ޙައިޘިއްޔަތުގައި ކަމަށްވާނަމަ އަދި ވެރިކަން އޮތީ މުސްލިމުންގެ އަތުގައި ކަމުގައި ނުވާނަމަ މުސްލިމުންގެ ޒިންމާއަކީ މުސްލިމު އާބާދީގައި އިސްލާމީ އުސޫލުގެ ނިޒާމެއް ޤާއިމުކުރުމެވެ. ޣައިރު މުސްލިމު ވެރިކަމެއްގެ ދަށުގައިވެސް މުސްލިމުން އިސްލާމީ އިޖްތިމާއީ ނިޒާމެއްގެ ދަށުން ދިރިއުޅުންވޭތިކުރުމަށްޓަކައެވެ.

އެންމެ ފުރިހަމަ އިސްލާމީ ނިޒާމެއް ޤާއިމުކުރެވޭނީ އެތަނެއްގައި މުސްލިމުވެރިޔަކު ހުރެގެންނެވެ. އެތަނެއްގެ ފުރިހަމަ އަކުސަރިއްޔަތު މުސްލިމުންނަށް ލިބިފައި އޮވެގެންނެވެ. އެފަދަ ތަނެއްގައި ފަރުދީ ގޮތުން ދީނުގެ ބައެއް އަޅުކަން އަދާކޮށްގެނެއް ފުއްދައެއް ނުލެވޭނެއެވެ. އެހެނީ އިސްލާމްދީން މުސްލިމުންނަށް ލިބުން އެދޭ ކަންތައް ތަކުގެތެރޭގައި މުސްލިމުންގެ ސަރުކާރެއް އޮތުމާއި މުސްލިމުންނަށް އާރާއި ބާރު ލިބިފައިއޮތުންވެސް ހިމެނެއެވެ. އެފަދަތަނެއްގައި އިސްލާމީ ވެރިކަމެއްނެތިފައި އިސްލާމީ ޝަރީއަތް ތަންފީޒުނުވާނަމަ މުސްލިމުން ޖެހޭނީ އިސްލާމީ ވެރިކަމެއް ޤާއިމުކުރާން މަސައްކަތްކުރާށެވެ. (މިދެންނެވި ވާހަކަތަކުގެ މަފްހޫމަކީ ޚަވާރިޖުން ފަދައިން ޖަމާއަތާ ވަކިވެ މުސްލިމް އާބާދީ ކާފަރުކޮށް މުސްލިމުންގެ ޖާނާއި މާލުގެ ހުރުމަތަށް އަރައިގަނެ މުސްލިމުންގެ ލޭ ހުއްދަކޮށް ތަނުގައި އޮންނަ ނިޒާމުގެ ބޭރުން ޢާއިލީގުޅުންތައް އުފެއްދުމުގެ ވާހަކައެއްނޫނެވެ.)

ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ އެތައްގިނަ ހަދީޘްފުޅުތަކަކުންވަނީ ވެރިކަމެއްގާއިމުކުރުމަށާއި ޤަޟާއީ ނިޒާމު އުފެއްދުމަށާއި ޚިލާފަތު ނުވަތަ އިމާމަތު ޤާއިމުކުރުމަށް ބާރު އަޅުއްވައިފައެވެ. ހެޔޮކަންކަމުގައި ހާކިމަށް އަހައިކިޔަމަންވާން އަމުރު ކުރައްވައިފައެވެ. ހަމައެފަދައިން ހާކިމު ޖެހިވަޑައިގަންނަވާނީ މުސްލިމުންގެ އަހްލުއްރައުޔުގެ މީހުންނާ ވެރިކަން ހިންގެވުމުގައި މަޝްވަރާ ކުރައްވާށެވެ. ވެރިޔަކު ހޮވާއިރު ގަދަފަދަ އަދި އަމާނާތްތެރިޔަކު ހޮވުމަށްވެސް ވަނީ އަންގަވައިފައެވެ.

މުސްލިމު އާބާދީގައި ވެރިކަމުގެ ފަރާތުން ނަމާދު ޤާއިމު ކުރުވުމަށާއި ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމަށާއި ވެރިކަމެއްގެ އެންމެ އިސް މަޤްޞަދަކީ އެއީކަމަށްވެސް ވަރަށް ގިނަ އިރްޝާދުތަކެއް ވަނީ އައިސްފައެވެ.

ޖުމުލަގޮތެއްގައި ކީރިތި ޤުރްއާނާއި ހަދީޘުން އެނގޭގޮތުގައި އިސްލާމްދީނަކީ އެދީނުގެ ފިޠުރަތުގައި ޞާލިޙު އަދި އިސްލާހަށް މަސައްކަތްކުރާ ވެރިކަމެއްގެ އުންސުރުތައް އެކުލެވިގެންވާ ދީނެކެވެ. އެދީނަކީ މުޖްތަމައާ ގުޅުމެއްނެތް ހަމައެކަނި ނަފުސު ތާހިރުކުރާ ދީނެއް ނޫނެވެ. ޚާނުގާހުތަކާއި ފަރުބަދަތަކުގެ ހޮހަޅަތަކުގައި އަޅުކަމުގައި ތިބުމުގެ ދީނެއް ނޫނެވެ. ހަމައެކަނި ޒިކުރު ކުރުމާއި ފިކުރު ކުރުމުގެ ދީނެއް ނޫނެވެ. އެހެންކަމުން މުސްލިމުންގެ ތާރީޚުގައި ވަނީ އިސްލާމީ ދައުލަތާއި ދައުލަތް ހިންގުމުގެ ޤާނޫންތަކާއި، ވެރިކަމުގެ ދުސްތޫރާއި، މާލީ ނިޒާމާއި، ދައުލަތްދިފާއުކުރުމާ މިފަދަ ވެރިކަމެއް ހިންގުމަށް ބޭނުންވާ ހުރިހައި ކަމެއްގެ މައްޗަށް ނުހަނު ވަށައިޖެހޭ އިލްމީ ފޮތްތަކެއް ލިޔެވިފައެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ އައްލާމާ އަލްމާވަރުދީގެ "އަހްކާމުއްސުލްޠާނިއްޔާ" އާއި އައްލާމާ އިބުނު ތައިމިއްޔާގެ " އައްސިޔާސަތުއް ޝަރްޢިއްޔާ" އާއި އިމާމު އަބޫޔޫސުފުގެ "ކިތާބުލްޚަރާޖު" އާއި އަބީޢުބައިދާގެ "އަލްއަމްވާލު" ފަދަ ފޮތްތަކެވެ. މިނޫން އެތައް ފޮތްތަކަކުންވެސް އިސްލާމްދީނަކީ ދައުލަތް ބިނާކުރުމާއި އިންތިޒާމުތައް އެކަށައަޅައި ހިންގުމާއި ވާރު ނެގުމާ ބެހޭ ކަންކަންވެސް ޝާމިލުވާ ދީނެއްކަން އެނގެއެވެ. އެދީނާ ގުޅިފައިވަނީ ނަފުސުތާހިރު ކުރުމަށްޓަކއި ޚަލްވަތުގައި ތިބުމާއި ޚާނުގާހުތަކުގައި ޒިކުރުކޮށް އަޅުކަންކުރާންތިބުނުއެކަންޏެއް ނޫންކަން އެނގެއެވެ.

(ނުނިމޭ)