ހުޅުމާލެ

ހުޅުމާލެ ބީޗުން ކެފޭތަކަށް ދެން ޖާގައެއް ނުދޭނެ، އެ ސަރަހައްދު ތަރައްގީކޮށް ހާއްސަކުރާނީ އާންމުންނަށް

މަރިޔަމް ޝަހުދާ

ހުޅުމާލެގައި ކުރިން ކެފޭ އަދި ރެސްޓޯރަންޓް ހިންގަމުން އައި ބީޗު ސަރަހައްދުގައި އެމްޑަބްލިއުއެސްސީން ކުރަމުން އަންނަ ނަރުދަމާގެ މަސައްކަތް ނިމުމަށްފަހުވެސް ދެން އެސަރަހައްދުގައި ކެފޭ އަދި ރެސްޓޯރަންޓް ހިންގުމުގެ ހުއްދަ ނުދޭނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސުހެއިލް ވިދާޅުވީ އެސަރަހައްދުގައި އެމްޑަބްލިއުއެސްސީގެ މަސައްކަތް ނިންމުމުން އެސަރަހައްދު ބާއްވާނީ އާންމުންނަށް ބޭނުންކުރެވޭ ގޮތަށް "ޕަބްލިކް ސަރަހައްދެއް"ގެ ގޮތުގައި ކަމަށެވެ.

ސުހައިލް ވިދާޅުވީ އެސަރަހައްދުގައި މީހުންނަށް އިށީނދެވޭ ގޮތަށް ބެންޗު ހެދުމުގެ އިތުރުން ހިނގާ ޓްރެކެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގެ ބަޖެޓު އެކުލަވާލާފައިވީ ނަމަވެސް އަދި މަސައްކަތް ވަކި ތާރީހެއްގައި ފެށުމަށް ޝެޑިއުލް ކޮށްފައި ނުވާ ކަމަށް ސުހައިލް ވިދާޅުވިއެވެ. ނަމަވެސް މިއަހަރު ތެރޭ އެކަން ކުރާނެ ކަމަށް ސުހައިލް ވިދާޅުވިއެވެ.

މިދިޔަ އަހަރު އެކި ފަހަރު މަތިން އެޗްޑީސީން ވަނީ ހުޅުމާލެ ބީޗު ސަރަހައްދު ހުސްކުރުމަށް އެސަރަހައްދުގައި ހިންގަމުން އައި ކެފޭ ރެސްޓޯރަންޓުތަކަށް އަންގާފައެވެ. އަދި އެންމެ ފަހުން އެޗްޑީސީން ނުކުމެ އެސަރަހައްދު މިދިޔަ އޮގަސްޓް މަހު ހުސްކޮށްފައިވަނީ އެމްޑަބްލިއުއެސްސީން ނަރުދަމާގެ މަސައްކަތް ކުރުމަށެވެ.