އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)

އޮސްޓްރޭލިއާގެ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އައިއޭސީގެ ކެމްޕެއިނެއް

މަރިޔަމް ޝަހުދާ

އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ޖަންގަލިތަކުގައި ރޯވެ، އަލިފާންގަނޑު ފެތުރުމުގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީ އިން ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އައިއޭސީން މައުލޫމާތު ދޭ ގޮތުގައި މި ހަރަކާތަކީ އޮސްޓްރޭލިއަން ޕީސް އޯގަނައިޒޭޝަނާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އަދި އޮސްޓްރޭލިއަން ޕީސް އޯގަނައިޒޭޝަނުން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތުގައި ގިނަ ފަރާތްތަކަކުން ބައިވެރިވާ ކަމަށް އައިއޭސީން ބުނެއެވެ.

މި ހަރަކާތުން ލިބޭ ފައިސާ ހަރަދު ކުރުމަށް ހަމަޖައްސާފައިވަނީ އަލިފާނުގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކާއި، ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ރިލީފް އޯގަނައިޒޭޝަން ތަކަށް ކަމަށް އައިއޭސީން ބުނެއެވެ. އެގޮތުން އޮސްޓްރޭލިއާގެ އަލިފާނުގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީ ފޯރުކޮށްދޭން ބޭނުން ފަރާތްތަކަށް ބީއެމްއެލް އިސްލާމިކް ގައި އޮންނަ އެހީ ޖަމިއްޔާގެ އެކައުންޓް ނަންބަރު 7770000026259 އަށް ފައިސާ ޖަމާ ކުރެވޭނެ ކަމަށް އައިއޭސީން ބުނެއެވެ.

އޮސްޓްރޭލިއާގެ އަލިފާނުގެ ހާދިސާއަކީ އެގައުމުގެ ނިއު ސައުތު ވޭލްސްގެ ޖަންގަލިތަކުގައި 2019ގެ ސެޕްޓެމްބަރު މަހު ތެރޭގައި ރޯވި އަލިފާން ގަނޑެކެވެ. މި އަލިފާނުގައި އޮސްޓްރޭލިއާގެ ޖަންގަލި އަދި ޕާކުތަކުގެ 10 މިލިއަން ހެކްޓަރު އަނދައިގެންގޮސް، އެތައް ބަޔަކު ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ. އަދި މިހާތަނަށް 26 މީހުންނާއި އެއް މިލިއަން ޖަނަވާރު މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މީހުން ދިރިއުޅޭ 2570 ގެ އަނދައިގެންގޮސް، 10000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވެއެވެ.