ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންތިހާބުތައް އެއްކޮށް ބޭއްވުން މުހިންމު، އޭރުން ތަރައްގީގެ މަސައްކަތްތައް ހަލުވިވާނެ: ރައީސް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަދި ލޯކަލް ކައުންސިލް އިންތިހާބު ވަކިވަކިން އޮތުމުން ތަރައްގީގެ ކަންކަން ކުރުމުގައި ލަސްތަކެއް ދިމާވާ ކަމަށާއި އެހެންކަމުން ތިން އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް "އެޖެންޑާ19 ރަށަށް"ގެ ނަމުގައި ހދ. އަދި ހއ. އަށް އެމްޑީޕީން ކުރަމުންދާ ދަތުރުގައި ހދ. ނޮޅިވަރަންގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވެސް އެމްޑީޕީން ކުރިމަތިލީ ރައްޔިތުންގެ ކައިރިއަށް ގޮސް، ބޭނުންތައް ދެނެގަނެގެން ކަމަށެވެ. ކައުންސިލް އިންތިހާބުގައި ވެސް ކަންކުރަން މިދަނީ އެގޮތަށް ކަމަށް ވިދާޅުވިއެވެ.

ރަށްރަށަށް ބޭނުންވާ ބައެއް ކަންތައްތައް ލަސްވެގެން ގޮސްފައި އެބަހުރިކަން ފާހަގަކުރައްވާ އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެ ލަސްތައް ކުރިމަތިވާ އެއް ސަބަބަކީ ތިން އިންތިހާބު ވަކިވަކިން އޮތުން ކަމަށެވެ. އަދި އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވޭނެ ގޮތް ހަދަންވެއްޖެ ކަމަށް ވިދާޅުވިއެވެ.

"ބައެއް ކަންތައްތައް ލަސްވެގެން ގޮސްފައި ހުރެދާނެ. ބައިވަރު ސަބަބުތައް އޭގައި އެބަހުރި. އެންމެ ބޮޑު ސަބަބަކަށް އަޅުގަނޑަށް ފެންނަނީ މި އިންތިހާބުތައް ވަކިވަކިން އޮތުން. އަޅުގަނޑުމެން ވެއްޖެ ކޮންމެވެސް ހިސާބެއްގައި މި ތިން އިންތިހާބު އެއް ދުވަހެއްގައި އެއް ވަގުތެއްގައި ބޭއްވުމުގެ މަސައްކަތް ކުރަން. އެހެންނޫންނަމަ ކަންތައްތައް ހިންގުމުގައި ލަސްތަކެއް އެބަ އާދޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށް ބާއްވަން އިލެކްޝަން ކޮމިޝަނުން ވެސް ތާއީދުކުރާ ކަމެކެވެ.

ގާނޫނުތަކަށް ގެންނަ ބޭނުންވާ އިސްލާހުތަކާ ގުޅޭގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، ދެ އިންތިހާބު ބޭއްވުމުން ސިޔާސީ ޕާޓީތަކަށާއި ސަރުކާރަށް ވެސް ފަސޭހަވެގެންދާނެ ކަމަށެވެ.

އޭގެ އިތުރުން ދެ އިންތިހާބު އެއްކޮށް ބާއްވައިފިނަމަ ގާތްގަނޑަކަށް 70 މިލިއަން ރުފިޔާގެ އަދަދަކަށް ފައިސާ ސަލާމަތް ކުރެވިގެންދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ. ނަމަވެސް ރިޔާސީ އިންތިހާބު ވަކިން ބާއްވަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ. ސަބަބެއް ކަމަށް ޝަރީފު ވިދާޅުވީ، އެއީ މުޅި ގައުމުގެ މަސްލަހަތުު ހިމެނޭ ކަމަކަށް ވުމެވެ.

މިހާރު އޮންނަ ގޮތުން ރިޔާސީ އިންތިހާބު އޮންނަނީ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަނީ އޭގެ ގާތްގަނޑަކަށް ފަސް މަސް ފަހުންނެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން ލޯކަލް ކައުންސިލް އިންތިހާބު ބާއްވައެވެ.