ޚަބަރު

ރައީސް ސޯލިހު އިތުރު ބަޔަކާއެކު ކެމްޕެއިނެއް ނުކުރައްވާނެ: ނަޝީދު

1

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނުގައި އރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ިތުރު ބަޔަކާއެކު މަސައްކަތް ނުކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އެޖެންޑާ19 ރަށަށް"ގެ ނަމުގައި ހއ. އަދި ހދ. އަށް އެމްޑީޕީން ކުރަމުންދާ ދަތުރުގައި ހދ. ވައިކަރަދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ގެނައި އެއްޗެއް ކަމަށާއި އެހެން ބަޔަކަށް އެކަން ކުރަން ނޭންގޭނެ ކަމަށެވެ. އަދި އެ އިންތިހާބަށް ހަގީގީ ކަމްޕެއިނެއް ކުރަނީ ވެސް އެމްޑީޕީން އެކަނި ކަމަށް ވެސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނު ވެސް ކެމްޕެއިންގެ މަސައްކަތް ކުރައްވާނީ އެކުގައި އެމްޑީޕީއާއެކު ކަމަށެވެ.

"އަޅުގަނޑުމެން މި އިންތިހާބަށް (ލޯކަލް ކައުންސިލް އިންތިހާބު) ކެމްޕޭނު ވެސް ހިންގާނީ. އަދި އަޅުގަނޑުމެން ހިންގާނީ އެބޭފުޅުންނާ (އިދިކޮޅު ޕާޓީތަކާ) ހިލާފަށް ދައުލަތުގެ އެއްޗިއްސަކު ވެސް ނޫން. ރައީސުލްޖުމްހޫރިއްޔާ ވެސް އެކަން ކުރައްވާނީ، އަޅުގަނޑުމެން ދެމީހުން ވެސް މިކަން ކުރާނީ އެކީގައި، މި ޕާޓީ (އެމްޑީޕީ) އާއެކީގައި. އިތުރު ބަޔަކާއެކީގައެއް ނޫން. އަޅުގަނޑުމެން ބޭނުމެއް ނޫން އެހެން އެއްޗެއް. އަޅުގަނޑުމެން ހަމައެކަނި ބޭނުމީ ތިބޭފުޅުން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވިއިރު، ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި ވެސް ރައީސް ސޯލިހު މަސައްކަތްކުރެއްވީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ކެންޑިޑޭޓުންނާ ދެކޮޅަށެވެ. އަދި ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ސަރުކާރު ހިންގަން ބޭނުންވަނީ އެމްޑީޕީން އެކަނި ކަމަށް ވިދާޅުވަމުންނެވެ.