ދިވެހި ޕްރިމިއާ ލީގު

ފޯކައިދޫ ކޮޅަށް ހަތް ލަނޑު ޖަހައި، މާޒިޔާ އިން ފަހު ބުރުގެ ފެށުން ރަނގަޅުކޮށްފި

ފޯކައިދޫ ފުޓްބޯލް ކްލަބު ކޮޅަށް ހަތް ލަނޑު ޖަހައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފަހު ބުރުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗުގައި ފޯކައިދޫ އަތުން މާޒިޔާ މޮޅުވީ 7-0ގެ ނަތީޖާއަކުންނެވެ. އެ މެޗަކީ ލީގުގެ ފަހު ބުރުގެ ފުރަތަމަ މެޗެވެ.

އެ މެޗުގެ 11 ވަނަ މިނެޓުގައި މާޒިޔާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ހަމަލާ ދިޔައީ ފޯކައިދޫގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ 18 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ފޯކައިދޫގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، މާޒިޔާ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މުހައްމަދު އިރުފާން (އިރޭ) ދިން ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހަމްޕުއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ފޯކައިދޫ ގޯލުގެ ތިރީ ކަނަކަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓު ތެރޭ މާޒިޔާއަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ކޯނެލިއަސް ސްޓެވާޓް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ފޮނުވާލި ހަމަލާ، ފޯކައިދޫގެ ކީޕަރު ހުސައިން ޝިފާދު މުހައްމަދު ވަނީ މަތަކޮށްފައެވެ.

މެޗުގެ 59 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. އަހްމަދު އަބްދުﷲ (ލިލީ)، ފޯކައިދޫގެ ޕެނަލްޓީ އޭރިއާ ތެރެއަށް އެއްލި ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވަޑް ކޯނެލިއަސްއެވެ.

މާޒިޔާގެ އެ ލަނޑު ޖެހިތާ މިނެޓެއްގެ ތެރޭ އެޓީމުން ވަނީ ހަތަރުވަނަ ލަނޑެއް ކާމިޔާބުކޮށްފައެވެ. ކައުންޓާ އެޓޭކެއްގައި ހަމްޕު ދިން ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ކޯނެލިއަސްއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ފޯކައިދޫ ގޯލުގެ ތިރީ ކަނަކަށެވެ.

މެޗުގެ 81 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ހަމްޕު ދިން ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ކޯނެލިއަސްއެވެ. އެ ލަނޑާއެކު ކޯނެލިއަސްގެ ހެޓްރިކު ވެސް ފުރިހަމަވެގެންދިޔައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، މާޒިޔާ އިން ވަނީ ހަ ލަނޑުގެ ލީޑެއް ހޯދައިފައެވެ. ހަމްޕު ނަގައިދިން ހުރަހަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިރޭއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އިރޭއަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

މާޒިޔާ އިން އެޓީމުގެ ހަތްވަނަ ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. މާޒިޔާއާ އަލަށް ގުޅުނު މިޑްފީލްޑަރު އިބްރާހިމް އައިސަމް ދިން ބޯޅައަކުން އެޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ނިހާން (ނިހާޓު) އެވެ.

ލީގުގެ ފަހު ބުރުގައި ވާދަކުރާނީ ދެވަނަ ބުރު ނިމުނު އިރު، ގަދަ ހައެއްގައި އޮތް ޓީމުތަކެވެ. އެއީ މާޒިޔާ އާއި ކްލަބު އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު އަދި ފޯކައިދޫ ފުޓްބޯލް ކްލަބެވެ.

ލީގު ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާއަށް 17 މެޗުން 44 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް އީގަލްސްއަށް 16 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޓީސީއަށް 16 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ގްރީނަށް 16 މެޗުން 26 ޕޮއިންޓް ލިބިފައިވާ އިރު، ފަސްވަނައިގައި އޮތް ދަ ގްރާންޑޭއަށް 16 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. އަދި ހަވަނައިގައި އޮތް ފޯކައިދުއަށް 17 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރީނާއި ދަ ގްރާންޑޭއެވެ.