ޚަބަރު

ކަޅުވަކުރު މިސްކިތް ރާވާ ހިޔާކުރުމުގެ މަސައްކަތް މާދަމާ ނިމޭނެ

މަރިޔަމް ޝަހުދާ

ކަޅުވަކުރު މިސްކިތް ރާވާ ހިޔާކުރުމުގެ މަސައްކަތް މާދަން ނިމޭނެ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފިއެވެ..

ދާރުލް އާސާރުގެ އުތުރުން އޮންނަ، ކުރިން ދިރާގު ހެޑް އޮފީސް ހުރި ބިމުގައި ރާވަމުންދާ ކަޅުވަކަރު މިސްކިތުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލުމަށް މިއަދު ބޭއްވި ހަރަކާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ވިދާޅުވީ، މިސްކިތް ރޭވުމުގެ މަސައްކަތް މާދަމާ ނިންމައި ވަޅު ބެހެއްޓުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

"މިސްކިތުގެ ރޭވުމާ މި ހިޔާކުރުމާ މި ކަމާބެހޭ ހުރިހާ މަސައްކަތެއް މާދަމާ ނިމޭނެ. އޭގެ އަނެއްދުވަހު އިރާދަ ކުރެއްވިއްޔާ ހަރުގަނޑު ރޫޅާލާފަ ވަޅު ބެހެއްޓުމުގެ މަސައްކަތް ފެށޭނެ. އެހެންވީމާ މި ލޭންޑްސްކޭޕިންގް އާއި މިސްކިތް މިހިރަ ސަރަހައްދު ރީތިކޮށް ތައްޔާރުކޮށްލުމުގެ މަސައްކަތް ދެން އޮތީ ހަމައެކަނި ކުރަން." ތޯރިގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިސްކިތް ރޭވުމުގެ މަސައްކަތް މާދަމާ ނިމުނު ނަމަވެސް މިސްކިތުގެ ހިރިގަލުން ހަދާފައިވާ ތަންތަނުގެ ތެރެއިން ކަނޑައިގެން ގޮސް ނުވަތަ ހަލާކުވެފައިހުރި ތަންތަން ހެދުމަށް ހިރިގާ ކަނޑައިގެން ކުރަންޖެހޭ މަސައްކަތްތަކެއް އަދިވެސް އެބަހުރި ކަމަށެވެ. އަދި އެއީ މަޑުމައިތިރި ކަމާއި ވަރަށް ކެތްތެރިކަމާއެކު ކުރެވޭ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

ކަޅުވަކަރު މިސްކިތް ހޯދައި، އަލުން އެ މިސްކިތް ރޭވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެގޮތުން މިސްކިތުގެ ބައިތައް ހޯދައި، ސަލްޓަން ޕާކު ސަރަހައްދުގައި މިސްކިތް ބެހެއްޓުމަށް ރައީސް ނިންމެވީ ވަޒީރުންގެ ލަފާފުޅާއެކު 2018 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ފަހުން މިސްކިތް މިހާރު ހުރި ސަރަހައްދުގައި ރާވަން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 19ގައެވެ.