ޚަބަރު

ދިހަ ދުވަސް ތެރޭ ދެ ލައްކަ މީހުންނަށް ވާ ވަރަށް ވެކްސިން ލިބޭނެ: މިނިސްޓަރު

މަރިޔަމް ޝަހުދާ

ދެލައްކަ މީހުންނަށް ވާ ވަރަށް ވެކްސިން ލިބިފައި އެބަހުރި ކަމަށާއި ދިހަ ދުވަސް ތެރޭ އެ ވެކްސިންތައް ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރުވެސް ހިމަބިހީގެ ވެކްސިން ރާއްޖޭގައި ހުރި ކަމަށާއި ބައިނަލްއަގުވާމީ އެކި ފަރާތްތަކާއި ކަމާ ބެހޭ އެކި ފަރާތްތަކާ މަޝްވަރާކޮށްގެން އިތުރު ދެ ލައްކަ މީހުންނަށް ޖެހޭނެ ވަރަށް ވެކްސިން ލިބިފައިވާ ކަމަށެވެ. އަދި މި ވެކްސިންތައް ދިހަ ދުވަސް ތެރޭ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވެކްސިންގެ ދެ ޑޯޒު ޖަހާފައިވޭތޯ ބެލުމަށްފަހު، ދެ ޑޯޒު ހަމަ ނުވާ ނަމަ ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވައިފައެވެ. ކޮންމެ އާއިލާއަކުންވެސް ވެކްސިން ދިނުމުގައި ކުޑަކުދިންނަށް އިސްކަން ދިނުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރެވުނު ނަމަވެސް ކުރިއަށް އޮތް ތިން މަހު ކުރިއަށްދާ ޕްރޮގްރާމުގައި އެންމެންނަށްވެސް ވެކްސިން ޖަހާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު އެންމެ ބޮޑު މައްސަލައަކަށް ދިމާވެފައިވަނީ ވެކްސިންގެ ދެ ޑޯޒު ޖެހިފައިވާކަން ޔަގީން ނުވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ވެކްސިން ޖެހުމަށް ކުރިއަށްގެންދާ ޕްރޮގްރާމް ކުރިއަށްގެންދާނީ ކުރިއަށް އޮތްތާގައި ވެކްސިން ޖަހާ އެންމެންގެ މައުލޫމާތު ފަސޭހައިން އެއްތަނަކުން ލިބޭނެ އިންތިޒާމަކާއެކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާތަނަށް ހިމަބިއްސަށް ޕޮސިޓިވް ވެފައިވާ ތިން މީހަކު މާލެ ސަރަހައްދުން ފެނިފައިވާ އިރު، އަތޮޅު ތެރެއިން ހިމަބިހި ޖެހިފަިއވާ މީހަކު ފެނިފައެއް ނުވެއެވެ. ނަމަވެސް އަތޮޅު ތެރޭގައިވެސް މި ބަލި ފެތުރެމުންދޭތޯ ބެލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވިއެވެ.