ދީން

މުފްތީ މެންކުގެ ދަރުސް މިރޭ ކާނިވާ ސްޓޭޖުގައި

މުހައްމަދު އައުޒަމް

ޒިންބާބުވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު ރާއްޖެއަށް ކުރައްވާ ދަތުރުގެ ފުރަތަމަ ދަރުސް މިރޭ ކާނިވާ ސަރަހައްދު ގައި އޮންނާނެއެވެ.

މުފްތީ މެންކުގެ ރާއްޖެއަށް ކުރައްވާ ދަތުރުގައި ބެހޭގޮތުން މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީން ބުނީ މިރޭ މުފްތީ މެންކު ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ރިލިޖަސް ރިހިބިލިޓޭޝަން އާއި ގުޅޭ ގޮތުންނެވެ. މިރޭގެ ދަރުސް ފެށުމަށް ހަމަޖައްސާފައި ވަނީ 20:15 ގައި ކާނިވާ ސަރަހައްދުގައެވެ.

މުފްތީ މެންކު ދެއްވުމަށް ހަމަޖެހިފައިވާ ދެވަނަ ދަރުސް ބޭއްވުމަށް ހަމަޖައްސާފައިވަނީ އައްޑޫ ސިޓީގައި މާދަމާ ރެއެވެ. މުސްލިމުން އިސްލާމް ދީނާއި ދުރަށް ދިއުމާ ބެހޭގޮތުން ދެއްވާ އެދަރުސްގައި ދީނާއި ދުރަށް މުސްލިމުން ދިއުމަށް މެދުވެރިވާ ސަބަބުތަކާއި އަނބުރާ ދީނަށް ގެނެވޭނެ ގޮތާ ބެހޭގޮތުން ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މުފްތީ މެންކުގެ ދަތުރުގައި ބުރާސްފަތި ދުވަހު ދަރުސް ދެއްވުމަށް ހަމަޖައްސާފައިވަނީ ކުޅުދުއްފުށީ ސިޓީގައެވެ. އެ ދަރުސްގައި އިސްލާމްދީން މާނަކުރާއިރު މާނަކުރަން ޖެހޭ އަސްލު ގޮތާ ބެހޭގޮތުން ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވާނީވެސް މުފްތީ މެންކު ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. ހުތުބާގެ މައުލޫއަކަށް ކަނޑައަޅާފައިވަނީ ހަލާލު ގޮތުގައި ފައިސާ އާއި މުދާ ހޯދައި ހަރަދު ކުރުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

މުފްތީ މެންކުގެ ދަތުރުގައި ހުކުރުދުވަހުގެ ރޭ ހާއްސަކޮށްފައި ވަނީ ޒުވާނުންނަށް މައުލޫމާތު ދިނުމުގެ ހާއްސަ އިވެންޓަކަށެވެ. މި އިވެންޓުގައި ޒުވާނުން އޮޅުންފިލުވަން ހުރި މުހިންމު މައުޟޫތަކަށް މުފްތީ މެންކު ވާހަކަދެއްކެވުމަށް ވަނީ ހަމަޖައްސާފަ އެވެ. މި އިވެންޓުގައި ސުވާލު ކުރުމުގެ ފުރުސަތު ޒުވާނުންނަށް ލިބޭނެ އެވެ.

މުފްތީ މެންކުގެ ރާއްޖެއަށް ކުރައްވާ ދަތުރުގެ އެންމެ ފަހު ހަރަކާތަކަށް ބޭއްވުމަށް ހަމަޖައްސާފައިވަނީ ވޯކްޝޮޕެކެވެ. ރާއްޖޭގެ އިލްމުވެރިންނަށް ބޭއްވުމަށް ހަމަޖައްސާފައިވާ މިވޯކްޝޮޕްގައި އިލްމުވެރިންނަށް ދައުވަތުގެ މާހަލުގައި ދިމާވާ ދަތިތަކާބެހޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިލްމުވެރިން ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުމުގެ ސެޝަންތަކެއްވެސް މިވޯކްޝޮޕްގައި ހިމެނާފައި ވެއެވެ.

މުފްތީ މެންކުގެ ދަތުރުގައި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ޓީވީ މެދުވެރިކޮށް ވަގުތުން ގެނެސްދިނުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.