ކުއްލި ޚަބަރު

ރައީސް ޔާމީނުގެ އިސްތިއުނާފު މައްސަލަ މިމަހު 28 ގައި ހައިކޯޓުގައި

މަރިޔަމް ޝަހުދާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގެ ހުކުމާ ގުޅިގެން، އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ މި މަހުގެ 28 އަށް ހައިކޯޓުގައި ތާވަލުކޮށްފި އެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ މިކަން "ވަން" އަށް ކަށަވަރުކޮށްދީފަ އެވެ.

މަނީ ލޯންޑަރިންގެ މައްސަލައިގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

އެ މައްސަލަ ބައްލަވަން ތިއްބެވި ކްރިމިނަލް ކޯޓުގެ ބެންޗުގައި ތިއްބެވި ފަސް ފަންޑިޔާރުންގެ އިއްތިފާގުން ރައީސް ޔާމީނަށް ހުކުމް ކޮށްފައި ވަނީ މަލީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭން ކުރުން ހުއްޓުުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އަހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސް މިލިޔަން ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށެވެ.

މި މައްސަ ބެލުމުގައި ޝަރީއަތަށް ސާބިތުވާ ކަންތައްތައް އިއްވަވަމުން ގާޒީ އަލީ ރަޝީދު ވިދާޅުވީ، އެސްއޯއެފްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުން ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އޫއެސް ޑޮލަރުގެ އެކައުންޓަށް ދެފަހަރެއްގެ މަތިން އެއް މިލިޔަންޑޮލަރު ޖަމާކޮށްފައިވާ ކަމާއި، ރައީސް ޔާމީންގެ ފަރާތުން އެފައިސާ އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޖެނެރަލް އިންވެސްޓްމެންޓް ޕްލަސް އެކައުންޓަކަށް ޓްރާންްސްފާކޮށް 36 މަސް ދުވަހުގެ މުއްދަތަށް އެފައިސާ އިންވެސްޓް ކޮށްފައިވާ ކަމަށެވެ.

އަދި އެ ފައިސާއަކީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުން އަންނަ މައްސަލައަކާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ފައިސާއަކަށް ވާތީ މައްސަލަ ނިމެންދެން އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް ރައީސް ޔާމީން އެއްބަސްވި ނަމަވެސް އެފައިސާ އިންވެސްޓް ކޮށްގެން ނަގަމުންދިޔަ މަންފާ ނެގުން ހުއްޓާ ނުލައި، އެހެން ގޮތަކުން ހޯދި އެއްމިލިޔަން ޑޮލަރު އެސްކްރޯ އެކައުންޓަށް ރައީސް ޔާމީިންގެ ފަރާތުން ޖަމާކުރިކަންވެސް ފާހަގަ ކުރައްވާފައި ވެއެވެ. އަދި ވަކި ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން އެނގިފައިވުން، ނުވަތަ ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭ ވަރުގެ އެކަށީގެންވާ ސަބަބުތަކެއް ހުންނަ ހާލަތުގައި ފައިސާ އަތުގައި ބެހެއްޓުމާއި، އެ ފައިސާ އޮޅުވާލުމާއި، އެ ފައިސާއިން މަންފާ ހޯދުމުގެ އަމަލަކީ މަނީ ލޯންޑަރިންގެ ކުށުގެ އަމަލުކަމަށް ވާއިރު ރައީސް ޔާމީންގެ ފަރާތުން މި އަމަލު ހިންގާފައިވާކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ކިތާބީ ހެކިތަކުން ސާބިތުވާތީ މަނީ ލޯންޑަރިން ގެ އަމަލެއް ހިންގުމުގެ ކުށުން ޔާމީން ކުށްވެރި ވެއްޖެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.