ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އެހީގައި ގާފަރު ސްކޫލަށް ސެން ކްލާހެއް

ބޭންކް އޮފް މޯލްޑިވްސްގެ 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ކ. ގާފަރުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ކިޔަވައިދޭ ސެންސަރިީ ކްލާސްރޫމެއް ތަރައްގީކޮށްދީފިއެވެ.

ބީއެމްއެލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކްލާސްރޫމު މަރާމާތުކޮށް ކްލާސްރޫމަށް ބޭނުންވާ ސެން އިކުއިޕްމަންޓްސް ހޯދައި ތައުލީމީ އާ އަހަރާއެކު ކްލާސްރޫމު ބޭނުން ކުރެވޭނެ ގޮތް ހަދައިދެވިފައިވާނެ ކަމަށެވެ. ސެން ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ހިމަނައި ފުރިހަމަ ކޮށްގެން ހަދާފައިވާ މި ކްލާސްރޫމު ވެގެންދާނީ މިކުދިންނަށް ކިޔަވައިދިނުމުގައި މިހާރު ދިމާވަމުން އަންނަ ދަތިތަކަށް ލިބިގެންދާ ފުރިހަމަ ހައްލަކަށް ކަމަށް ބީއެމްއެލުން ބުނެއެވެ.

"ގާފަރު ސްކޫލުގައި ކުރިން ހުރި ސެން ކްލާސްރޫމަކީ ކުޑަ ތަނެއް. ކްލާސްރޫމު ގާއިމް ކުރުމުގެ ކުރިން އަޅުގަނޑުމެން ދިރާސާ ކުރިން ރާއްޖޭގެ އެހެން ސްކޫލުތަކުގައި މިފަދަ ކްލާސްރޫމުތައް ހުރީ ކިހިނެއްކަން، ކޮންކަހަލަ ވަސީލަތްތަކެއްތޯ ހުރީ. ދުނިޔޭގެ އެހެން ގައުމުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ކްލާސްރޫމުތަކާއި ވަސީލަތްތައް ހުންނަ ގޮތް ދިރާސާ ކުރުމަށްފަހު ގާފަރުގައި ސެން ކްލާސްރޫމެއް ގާއިމް ކުރީ. އަޅުގަނޑުމެން [އަބޫބަކުރު އަލީ ފައުންޑޭޝަން] މަސައްކަތް ކުރަނީ ރަށުގެ ތައުލީމީ ކަންތައް ކުރިއަރުވަން. ކުރިން ސެން ކްލާހުގައި ކުދިންނަށް ކިޔަވައިދެނީ އެކްލާހުގެ ޓީޗަރު އަމިއްލައަށް ތައްޔާރުކުރާ ވަސީލަތްތަކާ އެކު. އެކަމަކު މިހާރު އަޅުގަނޑުމެން މި ގާއިމްކުރި ކްލާސްރޫމުގައި އޮކިޔުޕޭޝަނަލް ތެރަޕީ އާއި ޕްލޭ ތެރަޕީ ކުދިންނަށް ދެވޭނެ. މިއީ ބޮޑު ހަރަދެއް ހިނގާނެ ކަމަކަށް ވާތީ ކޮމިޔުނިޓީ ފަންޑަށް ޕްރޮޕޯޒަލް ލީ. ބީއެމްއެލްގެ އެހީ އާއި ފައުންޑޭޝަނުގެ ފައިސާއިން މި ޕްރޮޖެކްޓު މި ނިންމާލެވުނީ." އަބޫބަކުރު އަލީ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު، އައިޝަތު ސާނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ ''އަހަރެމެންގެ ބޭންކް ކޮމިއުނިޓީ ފަންޑު''އަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތަކަށް އެހީވުމުގެ ގޮތުން އެ ބޭންކުން ތައާރަފުކުރި ފަންޑެކެވެ. އެގޮތުން ހުށަހަޅާ ޕްރޮޖެކްތަކުގެ ތެރެއިން އަހަރުގެ ކޮންމެ ކުއާޓަރެއްގައި އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލެއް ހިމެނޭ ޕްރޮޖެކްޓް ހިންގުމަށް ބީއެމްއެލް އިން 50،000 ރުފިޔާ ދެއެވެ.

"ކޮމިއުނިޓީ ފަންޑުގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ހިންގޭ މިފަދަ ހަރަކާތްތައް ކާމިޔާބުކަމާއެކީ ނިންމާލެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްވެސްމެ." ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.

ބީއެމްއެލް އިން ވަނީ މިދިޔަ އަހަރު 20 ރަށެއްގައި އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު ޕްރޮގްރާމް ހިންގުމަށް އެއްމިލިއަން ރުފިޔާ ހޭދަކޮށްފައެވެ.