ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތަރައްގީ ކުރިޔަށް ގެންދަން ވާނީ ގުދުރަތީ މުއްސަނދިކަން ޖީލުތަކަށް ފޯރުކޮށްދެވޭނެ ގޮތަށް: ރައީސް

ތަރައްގީގެގެ ކަންކަން ކުރިޔަށް ގެންދަން ވާނީ ގުދުރަތީ މުއްސަނދިކަން އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނެ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ރާއްޖޭގެ ކަނޑުފަޅުތަކުގައި ކުރާ ދިރާސާ ޕްރޮގްރާމުގެ ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ހދ. ނޭކުރެންދުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން އާއި ސަރުކާރު ގުޅިގެން ފަށައިގެން ކުރިޔަށް މި ގެންދާ ދިރާސާ އަކީ ރާއްޖޭގެ ކަނޑުފަޅާއި އެ ތަންތަނުގެ ދިރުންތަކާ ގުޅޭ ގޮތުން ކުރިޔަށް ގެންދާ މި ފަދަ އެންމެ ބޮޑު ދިރާސާކަން ރައީސް ސޯލިހުގެ ވާހަކަފުޅުގައި ފާހަގަކުރެއްވެވި އެވެ. ރައީސް ވިދާޅުވީ މި ދިރާސާ ބެހިގެން ވަނީ ދެބަޔަކަށް ކަމަށާއި، ފުރަތަމަ ބައިގައި ކުރިޔަށް ދާނީ ދިރާސާކޮށް، ކަނޑުފަޅުގެ ދިރުންތަކާއި އޭގެ ސްޓޮކް އަދި އެނޫން ވެސް އެފަދަ މައުލޫމާތުތައް ދެނެގަތުމުގެ ބައި ކަމަށާއި ދެވަނަ ބައިގައި ހިމެނޭނީ މި ދިރާސާގެ އަލީގައި ހޯދުނު މައުލޫމާތުތަކުގެ ކަރުދާސް ސަރުކާރަށް ހުށަހެޅުމާއި އޭގެ އަލީގައި ސަރުކާރުން ހިމާޔަތުގެ ސިޔާސަތުތައް އެކުލަަވައިލުން ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ތަރައްގީއާއި ކުރިއެރުން ހުރިހާ ގޮތަކުން ވެސް އެންމެ ބޮޑަށް ގުޅިފައި ވަނީ ކަނޑުފަޅާއި އެތަންތަނުގެ ދިރުންތަކުގެ މައްޗަށް ކަމަށެވެ. އެ ގޮތުން، ޖަޒީރާ ރަށްތަކެއްގެ މައްޗަށް ހިމެނޭ ގައުމެއްގެ އިތުރުން ރާއްޖެ އަކީ ބިޔަ ބޮޑެތި ކަނޑުތަކެއްގެ ވެސް މައްޗަށް އެކުލެވޭ ގައުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކުގެ މުއްސަނދިކަން ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދު އަޅުގަނޑުމެންގެ ވާޖިބެއް ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމާއި މަސްވެރިކަމުގެ ވެސް ހަގީގީ ފައިދާ ލިބޭނީ ކަނޑުފަޅު ހިމާޔަތް ކުރެވިގެންކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ދިރޭ ބައެއް ތަކެތި ހިފުން މަނާކުރުމަކުން، ނުވަތަ ބައެއް ތަންތަން ހިމާޔަތް ކުރުމަކުން ނުފުދޭ ކަމަށާއި މުހިންމީ އެތަކެތީން ނުވަތަ އެތަންތަނުން ވެސް އެންމެ ރަނގަޅު ފައިދާއެއް ހޯދޭނެ ގޮތްތައް ދެނެގަތުން ކަމަށެވެ.

ރައީސް ވިދާޅުވީ މި ދިރާސާގެ އަލީގައި މިފަދަ ވަރަށް ގިނަ ކަންކަމަށް ހައްލު ހޯދަން ފަސޭހަ ވެގެން ދާނެ ކަމަށާއި ކަނޑުފަޅުގެ ދިރުން ތަކުގެ ވެސް އެންމެ ހެޔޮ ފައިދާ ހޯދޭނެ ގޮތްތަކަކީ ކޮބައިކަން ދެނެގަނެވޭނެ ކަމަށެވެ. އަދި އޭގެ އެހީގައި ސަރުކާރުން ކުރިމަގުގެ ސިޔާސަތުތައް އެކުލަވައިލުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.