ވިޔަފާރި

މާދަމާއަކީ ޒީރޯ ޕްލާސްޓިކް ރަން ގައި ބައިވެރިވުމުގެ ފަހު ތާރީހު

މަރިޔަމް ޝަހުދާ

މާދަމާ އަކީ އައިސީއެސް މޯލްޑިވްސްގެ ފަރާތުން އަންނަ ފެބުރުއަރީ މަހު ބޭއްވުމަށް ހަމަޖައްސާފައިވާ "ޒީރޯ ޕްލާސްޓިކް" ރަންގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހު ކަމަށް އައިސީއެސް މޯލްޑިވްސް އިން ބުނެފިއެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ޒީރޯ ޕްލާސްޓިކް ދުވުމަކީ، އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށާއި، ދިރޭތަކެއްޗައް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން މުޖުތަމައު ހޭލުންތެރި ކުރުވުމުގެ ގޮތުން ބާއްވާ ދުވުމެކެވެ.

އެންމެ ފުރަތަމަ މި ދުވުން ބާއްވާފައި ވަނީ 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ފަސް ކިލޯމީޓަރުގެ އެ ދުވުމުގައި ޖުމުލަ 1000 މީހުން ބައިވެރިވެފައިވާ ކަމަށް އައިސީއެސް އިން ބުނެއެވެ. މި ދުވުމުގައި ރައީސް ސޯލިހުގެ ދެކަނބަލުންނާއި ކެބިނެޓުގެ ބައެއް މިނިސްޓަރުންވެސް މިދިޔަ އަހަރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިދިޔަ އަހަރު ބޭއްވި ދުވުމުގެ ތެރެއިން ބައިވެރިންނަށް ސެންޓްރަލް ޕާކް ސަރަހައްދުގައި ފެންނަން ހުރި ޕްލާސްޓިކް ފަދަ ތަކެތި އެއްކުރުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށާއި އެތަނުން ހޮވި ހުރިހާ ޕްލާސްޓިކް ރިސައިކަލް ކުރުމަށް ޕާލޭ އަށް ހަވާލުކޮށްފައިވާ ކަމަށް އައިސީއެސް އިން މީގެ ކުރިން ވަން އަށް މައުލޫމާތު ދީފައިވެއެވެ.

މި ދުވުމަކީ އެއްވެސް ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއް ފަހަރު ބޭނުން ކޮށްފައި އުކައިލެވޭ ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުން ނުކޮށް ކުރިއަށް ގެންދާ ދުވުމެކެވެ.

"ވަން އޮންލައިން" އަކީ މިއަހަރުގެ "ޒީރޯ ޕްލާސްޓިކް" ރަންގެ މީޑިއާ ޕާޓްނަރެވެ.