ބާސެލޯނާ

ބާސާގެ ކޯޗުކަމުން ވަލްވާޑޭ ދުރުކޮށް، އެމަގާމަށް ކިކޭ ސެޓިއަން ހަމަޖައްސައިފި

ބާސެލޯނާގެ ކޯޗުކަމުން އާނެސްޓޯ ވަލްވާޑޭ ދުރުކޮށް، އެމަގާމަށް ރެއާލް ބެޓިސްގެ ކުރީގެ ކޯޗު ކިކޭ ސެޓިއެން ހަމަޖައްސައިފިއެވެ.

ބާސާގެ ކޯޗަކަށް ކިކޭ ސެޓިއެން ހަމަޖައްސާފައިވަނީ 2022ގެ ނިޔަލަށެވެ. ވަލްވާޑޭ ދުރުކޮށް، ކޯޗަކަށް ކިކޭ ސެޓިއެން ހަމަޖައްސާފައިވާކަން ބާސާ އިން މިހާރު ވަނީ ރަސްމީކޮށް އިއުލާނު ވެސް ކޮށްފައެވެ.

ބާސާގެ ކޯޗުކަމުން ވަލްވާޑޭ ދުރުކުރުމުގެ ވާހަކަތައް ދެކެވެން ފެށީ ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް އަތުން 3-2ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހުއެވެ. އޭގެ އިތުރުން މިސީޒަނުގައި ބާސާގެ ބައެއް މެޗުތަކުގައި ވަލްވާޑޭއަށް އެންމެ ރަނގަޅު ނަތީޖާތަކެއް ނެރެދެވިފައި ނުވާތީ ގިނަ ބަޔަކު އެކަމަށް ވެސް ފާޑުކިޔަމުންދިޔައެވެ.

ބާސާގެ ކޯޗުކަމުން ވަލްވާޑޭ ވަކިކުރުމަށްފަހު އެ މަގާމަށް ގެންނަން އުޅޭ ކޯޗުންގެ ލިސްޓުގެ އެންމެ ކުރީގައި ކިކޭ ސެޓިއެންއާއެކު އުޅުނީ ބާސާގެ ލެޖެންޑް ޒަވީ އާއި ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮކެޓީނޯއެވެ.

ބާސާގެ ކޯޗުކަމާ ވަލްވާޑޭ ހަވާލުވީ 2017ގެ މެއި މަހުގެ ތެރޭގައެވެ. އޭގެ ކުރިން ބާސާގެ ކޯޗުކަމުގެ މަގާމުގައި ހުރީ މިހާރު ސްޕެއިންގެ ކޯޗުކަމުގެ މަގާމުގައި ހުރި ލުއިސް އެންރީކޭއެވެ. ވަލްވާޑޭ ވަނީ ބާސާއަށް ފާއިތުވެދިޔަ ދެ ސީޒަނުގެ ސްޕެނިޝް ލަލީގާ އާއި ކޮޕާ ޑެލްރޭގެ ތައްޓެއް އަދި 2018ގެ ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް ވަލްވާޑޭއަށް ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބާސާއަށް ކާމިޔާބީއެއް ހޯދައިދެވިފައެއް ނުވެއެވެ.